މާދަމާ ފެށޭ، ނޮވެންބަރު މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެޖޮބް މެޓްރިކްސްގައިވަނީ، އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފުސީލުތައް ހިމަނާފައެވެ.

އޭގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.

ޖޮބް މެޓްރިކްސްގައި އެ ތަފްސީލުތައް ހިމަނާފައި ވަނީ، އެކި ދާއިރާތަކުގެ މަގާމުތައް ވަކިންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ މި ފެށޭ ނޮވެމްބަރު މަހު ބޮޑުކުރައްވާނެކަން ހާމަކުރައްވާފައެވެ.

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސާރައަށް މި އަހަރު ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.