31 Oct 2025, 10:58
ފިލްމު "ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފްވި ޒުވާން އެކްޓަރު އަގަސްތިއާ ނަންދާގެ ކެރިއަރުގެ ދެވަނަ ފިލްމު "އިއްކީސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ އުފެއްދުމެކެވެ.
ދިނޭޝް ވީޖަން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ސްރީރާމް ރަގްވަންއެވެ.
ފިލްމު "އިއްކީސް"ގައި އަގަސްތިއާ ފެންނާނީ އުމުރުން 21 އަހަރުގައި މަރުވި އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ އަރޫން ކެތަރްޕާލްގެ ރޯލްއިނެވެ.
އިންޑިއާގެ އަސްކަރީ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ޕަރަމް ވީރު ޗަކްރާ އެރުވިފައިވާ އަރޫން ކެތަރުޕާލް މަރުވީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971ގައި ހިނގި ބަސަންތަރު ހަނގުރާމައިގައެވެ.

އަގަސްތިއާ ކާފަ އަމީތާބް އަދި ބޮޑު ބޭބެ އަބިޝޭކް ބައްޗަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ކުރީގެ އޮފިސަރު އަރޫން ކެތަރުޕާލް އަކީ ޕަރަމް ވީރު ޗަކްރާ ޝަރަފު މިހާތަނަށް އެރުވި އިންޑިއާގެ އެންމެ ޒުވާން އަސްކަރީ އޮފިސަރެވެ.
އަގަސްތިއާގެ އިތުރުން ފިލްމު "އިއްކީސް"ގެ ކާސްޓުންގެތެރޭ ކުރީގެ ލެޖެންޑު އެކްޓަރު ދަރުމެންދްރަ، ޖައިދީޕް އަހްލަވާތު، ސިކަންދަރު ހޭރު، އާދަޔަންޝީ ކަޕޫރު އަދި ޝްރީ ބިޝްނޯއި ހިމެނެއެވެ. މީގެއިތުރުން މި ފިލްމުން އަކްޝޭ ކުމާރަށް ބޮޑު ބޭބެ ކިޔާ ސިމަރު ބާޓިއާ ވެސް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެއެވެ.
ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ކާސްޓުންގެތެރެއިން ގިނަ ތަރިންގެ އިތުރު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު މިހާތަނަށް ދެވަނަ ފިލްމަކުން ނުފެނި ތިބި ހަމައެކަނި ތަރިންނަކީ އޭގެ ކާސްޓުގައި ހިމެނުނު އަގަސްތިއާ އާއި ސުހާނާއެވެ.
އަގަސްތިއާގެ ދެވަނަ ފިލްމު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު ސުހާނާ ވަނީ ކެރިއަރުގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށާފައެވެ.
ފިލްމު "އިއްކީސް"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު ވަނީ އަގަސްތިއާއަށް ހެޔޮ އެދުންތައް ފޮނުވައި އިތުރު ކާމިޔާބީއަށް އެދި ސޯޝަލް މީޑިއާގައި މެސެޖުތައް ބަދަލުކޮށްފައެވެ.