31 Oct 2025, 10:53
ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ މަންމަ ސުނަންދާ ޝެޓީ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ޝިލްޕާގެ މަންމައަށް ފަރުވާ ދެމުން ދަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައެވެ.
ޝިލްޕާގެ މަންމަ ސުނަންދާ އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑުމިޓު ކުރީ ސީދާ ކޮން ބައްޔަކާ ގުޅިގެން ހާމަކޮށްފައި ނެތް ނަމަވެސް އުމުރުން ދުވަސްވެ ބަލިކަށިވުމުގެ ސަބަބުން ހާލު މާ ދެރަވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަންމަ ސުނަންދާއަށް ޒިޔާރަތް ކުރުމަށް ހޮސްޕިޓަލަށް ދިޔަ މަންޒަރު ލީލާވަތީ ހޮސްޕިޓަލުގެ ބޭރުގައި ތިބި ރިޕޯޓަރުންނަށް ފެނިފައިވާއިރު ބަތަލާ ވަނީ މަންމައަށް ހެޔޮ ދުއާކޮށް ދިނުމަށް ރިޕޯޓަރުންނާއި ބަތަލާއަށް ހެޔޮއެދޭ މީހުން ގާތު އެދިފައެވެ.

ޝިލްޕާ އަދި ޝަމީތާ މަންމަ ސުނަންދާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޝިލްޕާ އާއި ކޮއްކޮ ޝަމީތާ ޝެޓީ އަކީ އުމުރުން 76 އަހަރުގެ ސުނަންދާގެ ތިބި ހަމައެކަނި ކުދިންނެވެ. ޝިލްޕާ އާއި ޝަމީތާގެ ބައްޕަ ސުރެންދްރަ ޝެޓީ މަރުވެފައި ވަނީ އުމުރުން 74 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
ބައްޕަ ސުރެންދްރަ ޝެޓީ 2016 ވަނަ އަހަރު މަރުވުމާ ގުޅިގެން ޝިލްޕާގެ މަންމަ ސުނަންދާ ޝެޓީ ދިރިއުޅެމުން އަންނަނީ ކޮއްކޮ ޝަމީތާއާ އެކުއެވެ.
ޝިލްޕާ އާއި ފިރިމީހާ ރާޖްކުންދްރާގެ މައްޗަށް ކުރެވިފައިވާ ފައިސާގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން މުމްބާއީގެ ހައިކޯޓުން ދެމަފިރިން އިންޑިއާއިން ބޭރަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މަންމަ ސުނަންދާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ހޯދަން ފަށާފައިވާއިރު ޝިލްޕާ ވަނީ އިމަޖެންސީ ހާލަތެއްގައި ޤައުމުން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރުމުގެ ހުއްދައަށް ހައި ކޯޓުގައި އެދިފައެވެ.