31 Oct 2025, 10:48
އެމެޒޯން ޕްރައިމްގެ މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން 3" މި ފެށޭ ނޮވެމްބަރު މަހުގެ 21ގައި ޕްރީމިއާ ކުރާނެކަން އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފިއެވެ.
އެކަން އިއުލާނުކުރަމުން އެމެޒޯން ޕްރައިމް ވީޑިއޯއިން ވަނީ ހާއްސަ ޕްރޮމޯ ޓީޒާއެއް ވެސް ބެލުންތެރިންނަށް ގެނެސްދީފައެވެ. މި ސީރީސްގެ ތިން ވަނަ ސީޒަން ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާއިރު "ފެމިލީ މޭން 2" ބެލުންތެރިންނަށް ގެނެސްދިނީ މީގެ ހަތަރު އަހަރު ކުރިންނެވެ.
އެހެންކަމުން ހަތަރު އަހަރު ފަހުން އާ ސީޒަނެއް ގެނެސްދޭއިރު ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށް އެމެޒޯން ޕްރައިމްއިން ދައްކާލި ޓީޒާގައި ވަނީ ބުނެފައެވެ.
ސްޕައި އެކްޝަން ތުރިލާއެއް ގޮތަށް ގެނެސްދޭ މި ވެބް ސީރީސް އަކީ އެމެޒޯން ޕްރައިމްއަށް ކާމިޔާބު ގިނަ ކޮންޓެންޓްތައް އުފައްދައިދެމުން އަންނަ ރާޖް އެންޑް ޑީކޭގެ އުފެއްދުމެކެވެ. އެގޮތުން މި ސީރީސްގެ ޑައިރެކްޓަރުންގެތެރޭ ރާޖް ނިދިމޯރް ވެސް ހިމެނެއެވެ.

"ފެމިލީ މޭން 3"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރުންނާ އެކު އެކްޓަރު މަނޯޖް--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި ވެބް ސީރީސްގެ ކުރީގެ ދެ ސީޒަނުން ވެސް ލީޑް ތަރިންގެ ގޮތުގައި ބޮލީވުޑްގެ އެކްޓަރު މަނޯޖް ބަޖްޕައީ އަދި ސައުތު ބަތަލާ ޕްރިޔާމަނީ މިހާތަނަށް ފެނިފައިވާއިރު އާ ސީޒަންގެ ވެސް ލީޑް ތަރިންގެ ގޮތުގައި ދެ ތަރިން ފެންނާނެއެވެ.
ތިން ވަނަ ސީޒަންގެ ވަރަށް ހާއްސަ ރޯލަކުން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖައިދީޕް އަހްލަވާތު އަދި ބަތަލާ ނިމްރަތު ކައުރު ވެސް ފެންނާނެކަން އެމެޒޯންއިން ވަނީ ކުރިން އިއުލާނުކޮށްފައެވެ.
"ފެމިލީ މޭން 3" ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފައި ވަނީ ތިން ވަނަ ސީޒަންއަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށެވެ. މި ވެބް ސީރީސް އަކީ މިހާތަނށް ހަތަރު ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ އެކްޓަރު މަނޯޖު ބަޖްޕައީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމީ މަސައްކަތެވެ.