19 Aug 2012, 15:41
ދިވެހިރާއްޖެ އާއި ވަރަށް ގިނަ އިސްލާމީ އެހެން ގައުމުތަކުގެ މުސްލިމުންނެކޭ އެއްފަދައިން އަވަށްޓެރި އިންޑިޔާގެ މުސްލިމުންނަށް ވެސް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިއަދެވެ.
އިންޑިޔާގެ މުސްލިމުން އެންމެ ގިނައިން ދިރިއުޅެނީ އެ ގައުމުގެ ބޮޑެތި ޝަހަރުތަކުގައި ކަމަށް ވުމާއެކު، ބޮޑެތި ޝަހަރުތަކުގައި ޢީދުގެ މުނާސަބާ ފާހަގަ ކުރުން އޮންނަނީ ވަރަށް ކުލަގަދަކޮށެވެ. ދިއްލީ އާއި ލަކަނޫ އާއި ކަލްކަތާ އާއި ހައިދަރުއާބާދާއި މައިސޫރާއި މެންގަލޫރާއި މަދަރާސީ އާއި މަލާބާރުގެ ކާލީކޯޓާއި ކަންނަންނޫރާއި މަލައްޕޫރަމް ފަދަ ތަންތަނުގައި ޢީދު ނަމާދުކޮށްފައިވަނީ ބޮޑެތި މައިދާންތަކުގައެވެ. އެތަކެއް ހާސް މީހުންގެ ޖަމާއަތްތަކުގައެވެ.
އިންޑިޔާ އަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ގައުމެވެ. އިނގިރޭސީންގެ ދަށުގައި އިންޑިޔާ އޮތް އިރު މުޅި ދުނިޔޭގައި ވެސް މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތީ އިންޑިޔާގައެވެ. އެހެން ނަމަވެސް އިންޑިޔާގައި މުސްލިމުން އެންމެ ގިނައިން ތިބި ސަރަހައްދުތައް އިންޑިޔާއާ ވަކިވެ، އެ ސަރަހައްދުތައް އެކުވެގެން ޕާކިސްތާނު އުފެދުމުން، މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމަކަށް ވީ ޕާކިސްތާނެވެ. އޭގެ ފަހުން ޕާކިސްތާނު ދެބައިވެ، އިރުމަތީ ޕާކިސްތާނަކީ ބަންގްލާދޭޝް ކަމުގައި ހަމަޖެހިގެން ދިއުމުން، މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމަކަށްވީ އިންޑޮނޭޝިޔާއެވެ. މުސްލިމުންގެ އާބާދީ ދެވަނައަށް އެންމެ ބޮޑު ގައުމެއްގެ ގޮތުގައި ދެން އޮތީ ޕާކިސްތާނެވެ. އިންޑިޔާ އޮތީ މި ލިސްޓުގެ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތީ ބަންގްލާދޭޝެވެ. އެހެން ނަމަވެސް މިހާރު އަނެއްކާ ވެސް އިންޑިޔާގެ މުސްލިމުންގެ އާބާދީ ޕާކިސްތާނުގެ މުސްލިމުންގެ އާބާދީއަށް ވުރެ ބޮޑު ވެއްޖެއެވެ. އެހެންކަމުން އިންޑޮނޭޝިޔާ ފިޔަވައި އެންމެ ބޮޑު މުސްލިމް އާބާދީއެއް މިހާރު އޮތީ އިންޑިޔާގައެވެ. މީގެ ސަބަބަކީ އަލަށް އިސްލާމްވާ މީހުން ގިނަވުމާއި އިންޑިޔާގެ މުސްލިމުންގެ ދަރިމައިވުމުގެ ރޭޓު މަތިކަމެވެ.
އިންޑިޔާގެ އާބާދީގައި ގާތްގަނޑަކަށް 190 މިލިޔަން މުސްލިމުން ތިބިކަމަށް އެ ގައުމުގެ މުސްލިމުންގެ ކަންކަން ބަލަހައްޓާ ޖަމާއަތްތަކުން ބުނި ނަމަވެސް ރަސްމީ އިދާރާތަކުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އިންޑިޔާގެ މުސްލިމުންގެ އާބާދީ އަކީ ގާތްގަނޑަކަށް 180 މިލިޔަނެވެ.
އިންޑިޔާގައި ޢީދު ދުވަސް ފަދަ ދީނީ ގޮތުން މުހިންމު ދުވަސްތައް ފާހަގަ ކުރުމާއި އިސްލާމީ އެހެނިހެން ޝިޢާރުތައް ފާޅު ކުރުމުގައި އިސްވެ ހަރަކާތްތެރިވަނީ އެ ގައުމުގެ މުސްލިމުން އުފައްދައިފައިވާ ޖަމިއްޔާ ޖަމާއަތްތަކުންނެވެ.