30 Oct 2025, 19:25
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އިގުތިސާދުގެ އަސާސްތަކާއި އިޖުތިމާއީ ހަގީގަތްތަކާ ދުރު ބަޖެޓެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ސިފަކުރައްވައިފިއެވެ.
'އެކްސް'ގައި ޝާހިދު ލިޔުއްވިގޮތުގައި، މި ސަރުކާރުން މި އަހަރު ބަޖެޓް ސަޕޯޓަށް ހަތް ބިލިއަން ހޯދަން މަސައްކަތް ކުރި ނަމަވެސް، ބޭރުގެ އެއްވެސް މާކެޓަކުން ވެސް ދޭދޭ ގައުމުތަކުން ވެސް ރާއްޖެއަށް އެހީގެ ގޮތުގައި ލޯ ލާރިއެއްވެސް ނުލިބެއެވެ.
އެކަމުން ރަމްޒުކޮށްދެނީ ރާއްޖޭގެ އިގުތިސާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ވެސް ފެއިލްވެފައި އޮތްކަން ކަމަށް، އޭނާ ލިޔުއްވާފައިވެއެވެ.
"ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ސާފު އަމާޒެއް ނެތް، އިގުތިސާދުގެ އަސާސްތަކާއި އިޖުތިމާއީ ހަގީގަތްތަކާ ދުރު ބަޖެޓެއް،" ޝާހިދުގެ ޕޯސްޓުގައިވެއެވެ.
އޭނާ ވިދާޅުވީ، އެކި ޚިދުމަތްތަކާއި ތަކެތީގެ އަގުތައް އުފުލި، ވިޔަފާރިތައް ކުރިނާރާތީ އާންމުންނަށް ދަތިތައް ދިމާވެފައިވާއިރު، މިއަދު ހުށަހެޅި ބަޖެޓުން، އަންނަ އަހަރު އާންމުންގެ ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ތަރައްގީގައި މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ގެއްލޭނެ ކަމަށް ޝާހިދު ލިޔުއްވާފައިވެއެވެ.
ސަރުކާރުން މިއަދު ހުށަހެޅީ މިއަހަރު ތަންފީޒުކުރަމުން އަންނަ 56.6 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 7.6 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރެކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މި އަހަރުގެ ބަޖެޓުން، އަންނަ އަހަރު ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނުލިބޭ ކަމަށް ޝާހިދު ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ކަމަށެވެ. އަދި ހަމައެހެންމެ އަންނަ އަހަރުގެ ބަޖެޓަކީ ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު ބަޖެޓަށް އާމްދަނީ ހޯދަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެއެވެ.
މީގެ އިތުރުން މި އަހަރު ހިލޭ އެހީއަށް 2.59 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ އެންމެ 270 މިލިއަން ރުފިޔާއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ.
އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ.