ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ ހަމަ ނުޖެހުންތަކުގައި ހިންގާފައިވާ ލާއިންސާނީ ކަންކަން ތަހުގީގު ކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާސީއެމް) އިން ކަމާބެހޭ ފަރާތްތަކަށް ފޮނުވި ރިޕޯޓަކީ ވެރިކަން ބަދަލުވި ގޮތާއިމެދު ސުވާލު އުފައްދާ މީހުނަށް ދެވެނު "ރަނގަޅު ރައްދެއް" ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މިއަދު ހެނދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވަނީ އެޗްއާރުސީމް އާންމު ކޮށްފައި ނުވަނީސް ލީކްކޮށްފައިވާ އެ ރިޕޯޓަކީ ވަރަށް ފުރިހަމައަށް ހަގީގަތާއި އެއްްގޮތަށް ލިޔެފައިވާ ރިޕޯޓެއް ކަމަށް ވިދާޅުވެ އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މިއޮތް ވެރިކަމާމެދު ސުވާލު އުފައްދާ ތަކުރާރުކޮށް މަތި މައްޗަށް އެކަމާއި ގުޅިގެން ބަހަނާ ދައްކަވާ ބޭބޭފުޅުނަށް މި ރިޕޯޓަކީ ވަރަށް ރަނގަޅު ރައްދެއް،" އަމީން ވިދާޅުވި އެވެ.

ވެރިކަން ބަދަލުވީ "ރޭވިގެން އައި ބަޣާވާތަކުން ނޫން"ކަންވެސް އެ ރިޕޯޓުން ސާފްވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މީ ރޭވިގެން، ރާވައިގެން ބަޔަކު ކުރިކަމެއް ނޫންކަން މި ރިޕޯޓުގެ ތެރެއިން ވަރަށް ރަނގަޅަށް މި ރިޕޯޓުން ސާފުކޮށް ފެންނާން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު މޫސާ ރަމީޒް ވިދާޅުވީ ވެރިކަން ބަދަލުވެފައިވަނީ ރައީސް ނަޝީދު ކުރެއްވި އަމުރުތަކެއްގެ ސަބަބުންކަން ކަމާއި ވެރިކަމުން އިސްތިއުފާ ދެއްވީ އެއްވެސް ޕްރެޝަރެއް އޮވެގެން ނޫންކަން ރިޕޯޓުން ފެންނަ ކަމަށެވެ.

އެޗްއާރުސީއެމް އަދި އާންމުކޮށްފައިނުވާ އެ ރިޕޯޓުގައިވާކަމަށް ބުނާ ބައެއް ނުކުތާތައް އެ ބައްދަލުވުމުގައި ވެސް ނޫސްވެރިނަށް ހިއްސާކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު މާލެތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓްގައި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފު އަމުރުތައް ތަކުރާރުކޮށް ފުލުހުންނާއި ސިފައިންނަށް ކުރެއްވިކަން ތަހްގީގު ރިޕޯޓް އެނގޭ ކަމަށް ބުނެފަވެ އެވެ.

އެޗްއާރުސީއެމް ނެރިފައިވާ 57 ސަފުހާގެ އެ ރިޕޯޓުގައި ހަތެއް ފެބްރުއަރީގައި ބަންޑާރަކޮށީގައި ނަޝީދު ހޭދަކުރެއްވި ވަގުތު އެމަނިކުފާނު އަވަހާރަކޮށްލަން އެއްވެސް ބަޔަކު އުޅުނުކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިނުވާ ކަމަށްވެސް ބުނެ އެވެ.

ނަމަވެސް އެ ރިޕޯޓަކީ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ފަހު ނެރިފައިވާ ރިޕޯޓެއް ނޫނެވެ. ވެރިކަން ބަދަލުވިގޮތް ބެލުމަށް ރައީސުލް ޖުމްހޫރީގެ ގަރާރަކުން އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ރިޕޯޓް ނެރުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 31 ގަ އެވެ.