ދިރާގު ރޯޑް ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފިއެވެ.

މި ގޮތުން، އެ ދުވުން ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ދިރާގުން ވަނީ 100 އިންސައްތަ އޮފްސެޓް ކޮށްފައެވެ.

ދިރާގުން ބުނީ، ރޯޑް ރޭސް ކުރިއަށް ގެންދިޔަ ސަރަހައްދުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1،040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ ސީއޯޓޫ ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ދިރާގުގެ އޮފިސަރުންތަކެއް ރޯޑް ރޭހަށް ސޯލާ ޕެނަލް ބަހައްޓަނީ ---- ފޮޓޯ/ ދިރާގު

މިއީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެއް ކަމަށް ދިރާގުން ބުނެއެވެ. އަދި، މިއީ ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު، މި ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެއް ކަން އެކުންފުނިން ފާހަގަކުރިއެވެ.

އޭގެއިތުރުން، ދުވުމުގައި ބޭނުންކޮށްފައިވާ ސޯލާ ޕެނަލްތައް ދެން ބޭނުންކުރާނީ މިހާރު ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް ދިރާގުން ވަނީ ނިންމާފައެވެ.

ދިރާގު ރޯޑް ރޭހުގެ ތެރެއިން -- ފޮޓޯ/ ދިރާގު

އެ ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ، 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފަށާފައެވެ.

ދިރާގު ރޯޑް ރޭހުގައި ބޭނުންކުރުމަށް ސޯލާ ބަހައްޓަނީ --- ފޮޓޯ/ ދިރާގު

އެކަމުގެ ސަބަބުން ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަ ކަަމަށްވާއިރު، ކޮންމެ އަހަރަކު 2،053 ޓަނުގެ ސީއޯޓޫ ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދޭ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019ވަނަ އަހަރުން ފެށިގެން ރޯޑް ރޭހުގައި ދުވުންތެރިންނަށް ޚާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ދިރާގުން ފެން ވަނީ ފޯރުކޮށްދީފައެވެ. އެކަމުގެ ސަބަނުން މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވުނުކަން ދިރާގުން ފާހަގަކުރިއެވެ.

ދިރާގުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މުހިންމު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ.