އެސްޓީއޯއިން ރިސޯޓެއް ގަތުމަށް ކުރަމުން އައި މަސައްކަތް މި ވަގުތައް މަޑުޖައްސާލަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓާ، ޝާހިދު އަލީ ވިދާޅުވީ އެސްޓީއޯއިން ރިސޯޓެއް ގަންނަން މަސައްކަތް ކުރީ ކުންފުނީގެ ހާލަތު ރަނގަޅުކޮށް ބޭރު ފައިސާގެ އާމުދަނީ އިތުރުކުރުމަށް ކަމަށާއި ނަމަވެސް މި ވަގުތު އިގްތިސޯދީ ހާލަތަށް ބަލާއިރު އެއީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

"މިވަގުތު މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ބޯޑަށް ފެނުނީ ރިސޯޓެއް ގަންނަން، މިވަގުތު ރާއްޖޭގެ އިކޮނޮމީއާއި ސްޓެބިލިޓީއަށް ވިސްނާފައި މި ނިންމުން މި ނިންމީ،" ޝާހިދު ވިދާޅުވި އެވެ.

އެ ކުންފުނިން މީގެ ކުރިންވެސް ރިސޯޓެއް ހިންގި އެވެ. އެއީ އދ. ވަކަރު ފަޅީގައި ހިންގި ރިސޯޓެކެވެ. އެ ރިސޯޓު އަތަމާ ކުންފުންޏަށް ވިއްކާލީ 2007 ވަނަ އަހަރު 3.7 މިލިއަން ޑޮލަރަށެވެ. އެ ރިސޯޓު ވިއްކާލަމުން އޭރު އެ ކުންފުނިން ބުނެފައިވަނީ ރިސޯޓު ވިއްކާލީ ކުންފުނީގެ އޭރުގެ މާލީ ހާލަތައް ބަލާފައި ކަމަށެވެ.

ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމަށް އެސްޓީއޯއިން ހަވާލުވުމުން އެ ޕްރޮޖެކްޓާއެކު ސީއެސްއާރު ކޮމްޕޮނެންޓުގެ ދަށުން އެ ކުންފުންޏަށް ބ. މުތާފުށި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ލިބިފަ އެވެ. ޝާހިދު ވިދާޅުވީ އެ ރަށް ތަރައްގީ ކުރުމަށް އެ ކުންފުނިން އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެރަށް ތަރައްގީ ކުރެވިދާނެ ގޮތެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެމެރިކާގެ ހޮޓެލް ޗެއިންއެއް ކަމަށްވާ ރެޑިސަންއާ ގުޅިގެން ހުޅުމާލޭގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތްވެސް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ. އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ ރިސޯޓެއް ގަތުމަށްޓަކައި ދެތިން ރަށެއްގެ ޕްރޮޕޯސަލް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް އެސްޓީއޯއިން ހާމަކޮށްފައެއްނުވެ އެވެ.