ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު އީދު ސަލާމް ކުރައްވައިފި އެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުންނަށް ޢީދުގެ ތަހުނިޔާ ދަންނަވަން މުލިއާގެއަށް ދިޔަ ގިނަ އަދަދެއްގެ އާންމުންނާއި އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ޙުސައިން ބައްދަލުކުރައްވައި، ސަލާން ކުރެއްވުން އޮތީ ހެނދުނު 9.30 އިން 10.30 އަށެވެ.

ރައީސްގެ ދެ ކަނބަލުންގެ އަރިހަށް ޢީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ.

އިތުރުން، ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން، ޢީދުގެ ސަލާން ކުރުމަށްޓަކައި ރައީސްގެ ދެ ކަނބަލުންގެ އަރިހަށް ދިޔަ އެވެ.