ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ސަބަބުން ކީރިތި ރަސޫލާގެ ސުންނަތް ރާއްޖޭޭގައި ދިރިގެން ހިނގައްޖެ ކަމަށާއި މިއީ ދިވެހި ތާރީހުގައި ފާހާގަ ކޮށްލެވޭ އާދަޔާހިލާފު ދުވަހެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް ބައިލައްކަ މީހުން ނަމާދުކުރި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ "މިއަދަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭނެ އާދަޔާހިލާފު ދުވަހެއް،" ކަމަށެވެ. މީގެ ކުރިން ދިވެހި ފަސްގަނޑުން އެފަދަ ބަދަހި ސަފުތަކެއް ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.

"އީދު ދުވަހު ދިވެހިން އިސްލާމް ދީނަށް ކުރާ ލޯތްބާއި އެއްބައިވަންތަކަން ރާއްޖޭގައި މިއަދު ފާޅުވެން ހިނގައްޖެ، އަދި ރާއްޖޭގައި ރަސޫލާގެ ސުންނަތް ދިރިގެން ހިނގައްޖެ، އަޅުގަނޑު އުންމީދު ކުރި އަދަދަށްވުރެ މާ ގިނަ ބަޔަކު ނާމާދަށް ހާޒިރުވެއްޖެ، މުޅި ސަރަހައްދު ފުރިފައި ނޫންތޯ މިއޮތީ؟ އަޅުގަނޑުމެން ދިވެހިންގެ، އެއްބައިވަންތަކަން ވަރަށް ރީތިކޮށް ހާމަވެގެން ހިނގައްޖެ، މިއީ އަޅުގަނޑުމެން ދިވެހިންގެ ސިފަޔަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ވެރިރަށް މާލޭގައި އީދު ނަމާދަށް ބިޔަ ޖަމާއަތެއް އިންތިޒާމު ކުރުމުގެ ހުރިހާ ޝުކުރެއް ރައްދުވަނީ ދިވެހި ޒުވާން ވޮލަންޓިއަރުންނާއި ދީލަތި އެހީތައް ވެދެއްވި ވިޔަފާރިވެރިންނަށާއި ފުލުހުންނާއި ހޯމް މިނިސްޓްރީއާ އެންމެހާ ދިވެހި މުސްލިމުންނަށް ކަމަށެވެ.

"މިއީ ޒުވާނުންނާއި، ދީލަތި ވިޔަފާރި ވެރިންގެ ބުރަ މަސައްކަތް، މިކަމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް ހުރިހާ ޝުކުރެއް ވެސް ހައްގު، އަޅުގަނޑުގެ އުންމީދަކީ މިކަން ދެން ފަހަރަކު ވެސް ރާއްޖޭގައި ތަކުރާރުވެގެން ދިޔުން،"

މިއަދުގެ އީދު ހުތުބާ ވެސް ފާހަގަކޮށްލެވެ އެވެ. ގާތްގަނޑަކަށް 20 މިނެޓް އިރަށް ދެމިގެންދިޔަ ދިޔަ ހުތުބާގައި ޑރ. އިޔާޒު އަބްދުއް ލަތީފު ވަނީ ދިވެހި މުޖުތަމައުގެ ހުރިހާ ދިމާލަކަށް އަލިއަޅުއްވާލައްވާ ރާއްޖެއަށް ކުރިމަތިވަމުންދާ ދީނީ ގޮންޖެހުންތަކަށް ހޭލައި ތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ. އިމާމް ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ދިވެހިންނަށް ކުރިމަތި ކުރުވާފައިވާ ކަމަށެވެ.

ޓާފް ދަނޑުގެ ދެކުނު ފަރާތާއި ޓްރެކް ދަނޑުގައި އީދު ނަމާދު ކުރި އިރު ޓްރެކް ދަނޑުގައި އަންހެނުންގެ ޖަމާއަތެއް ވެސް ނަމާދުގައި ބައިވެރިވި އެވެ. މިއީ ރާއްޖޭގައި މި ގޮތަށް އީދު ނަމާދުކުރި ފުރަތަމަ ފަހަރެވެ. ޓީވީން ލައިވްކުރި ނަމާދުގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރި އިރު އީދާ ގުޅިގެން ރައީސް ވަހީދު ގޮވާލައްވާފައި ވަނީ ފިތުރު އީދު ދުވަހު ސިޔާސީ ވާދަވެރި ކަމާއި އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތާއި އެއްބަނޑު އެއްބަފާ ކަމުގެ ރޫހު ކުރިޔަށް ނެރުމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިމިވާ ސިޔާސީ ވާދަވެރިކަމުގައި ވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ރޫޙު ކުރިއަށް ނެރުމަކީ ހުރިހާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް ކަމަށް މި ފުރުޞަތުގައި ވެސް އަޅުގަނޑު ދެކެން،" ރައީސް އިއްޔެ ވިދާޅުވި އެވެ.