ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ހަތަރު ފުލުހަކު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.

އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރުމަށް ވެސް ޑިސިޕްލިނަރީ ބޯޑުން ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއީ ކޮން ބައެއް ކަން ފުލުހުން ހާމަ ނުކުރެއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިލަންދޫގެ ފުލުހުންގެ އެކައުންޓްތަކަށް ކޭޓަރިން ޚިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތެއްގައި 18 މިލިއަން ރުފިޔާ ވަތް ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކުރަމުން ދަނިކޮށެވެ.

ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެއެވެ.