19 Aug 2012, 10:34
ސަރުކާރު ހިއްސާވާ ގިނަ ވިޔަފާރި ކުންފުނިތަކަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭގެ ސަބަބުން ކުންފުނިތައް ރަނގަޅަށް ހިނގައިނުގެންފައިވާ ކަމަށް ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑު (ޕެމެބް) އިން ބުނެފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނީޓާ ކުރާ، ޕެމެބްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސަތުތަކަށް އަންނަ ބަދަލާއެކު ކުންފުނިތަކުގެ ބޯޑު ބަދަލުވުން ކަމަށެވެ. އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެން ވަރަށް ބޮޑު އިންސްޓެބިލިޓީތައް އާދޭ ކުންފުނިތަކަށް، އެހެންވީމަ މިކަން އެބަޖެހޭ ހައްލު ކުރަން، ކުންފުންޏެއްގެ ބޯޑަކީ އެހެން ބަދަލުވެވޭ ގޮތައް އޮންނަ ތަނަކަށް ވެގެން ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ. "މި ފަހުން މިއައި ބަދަލާއިއެކުވެސް އަދިވެސް ބައެއް ކުންފުނިތަކަށް އެބަ އުޅޭ މުޅިން ހަމައަކަށް ނޭޅިގެން،"
އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ 68 ކުންފުންޏެއް އޮތް އިރު އޭގެތެރެއިން ފައިދާއެއް ހޯދެނީ މަދު ކުންފުންޏަކަށް ކަމަށާއި އެކަން އެގޮތައް ދިމާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ވިޔަފާރީގެ އުސޫލުން ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.
"މީގައި އެބަ ދިމާވޭ، ބައެއް ގާނޫނުތަކުގެ ސަބަބުން ނޫނީ އެކި ގޮތްގޮތުން ކުންފުނިތަކަށް އެންމެ ރަނގަޅަށް ވިޔަފާރީގެ އުސޫލަކުން ހަރަކާތްތެރި ނުވެވުން، އެކަމަކު ހަމަ ރަނގަޅު ފައިދާ ހޯދައި ކުންފުނިތައްވެސް އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު މަދުވާނެ ކަމަށެވެ. އެގޮތުން ހެލްތް ކޯޕަރޭޝަންތައް އުވާލުމާއި އަދިވެސް ބައެއް ކުންފުނިތައް އެއް ކުންފުންޏެއްގެ ގޮތުގައި ހެދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.