30 Aug 2010, 10:13
15:15
ހަޅުތާލު ކުރަން ޖެހޭ ވަގުތާއި ހަޅުތާލު ކުރަން ޖެހޭ ގޮތުގެ އުސޫލުތައް ހިމަނައިގެން، ހަޅުތާލު ކުރުމުގެ ބިލުގެ ނަމުގައި ބިލެއް ރައްޔިތުންގެ ވިލުފުށީ ދާއިރާގެ މެންބަރު އިއްޔެ ހުށަހަޅުއްވައިފި އެވެ.
ޤައުމީ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ވެސް ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅުއްވީ، ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ބޭނުންކުރަމުންދާ އިރު ވިޔަފާރިވެރިންނަށާއި ބޮޑެތި އިންޑަސްޓްރީތަކަށް ނުރައްކާ ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި ބިލު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުންކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެފައި، ތަފާތު ވިސްނުމެއްގައި ވިޔަފާރިވެރިންނާއި އާއްމުނަން ދަތި އުނދަގޫނުވެ، ހަޅުތާލު ކުރާ ބަޔަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން އެކަންކަން ކުރުމުގެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ހަޅުތާލު ކުރެވޭނީ ނޯޓިސްއެއް ދިނުމަށް ފަހުގައި ކަމަށާއި ހަޅުތާލު ކުރިއަށް ގެންދެވޭނީ، ހެނދުނު އަށަކުން އިރުއޮއްސި ހައެއް ޖަހަންދެން ކަމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބެވޭނީ ވަކި ވަގުތެއް ވަންދެން ކަމަށާއި، އޭގެ ފަހުން ރިސޯޓެއްގައި ހަޅުތާލު ކުރަމުންދާ ބައެއް ނަމަ، އެ ބައެއްގެ ކެއުމާއި އެކޮމޮޑޭޝަން ރިސޯޓުން ހަމަޖައްސައިދޭން ނުޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި މި ބިލުން މަސައްކަތްތެރިންނަށް ވެސް ފުރުސަތު ލިބިގެންވާ ކަމަށާއި މަޝްވަރާކުރުގެ ފުރުސަތާއި މަސައްކަތްތެރިންގެ ހައްގުތައް މި ބިލުން ހިމާޔަތްކުރެވިފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ ބިލްގެ އިތުރަށް މާދަމާ ވެސް ދެ ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އުފައްދާ ކުންފުނިތައް ގާނޫނަކުން ނޫން ގޮތަކަށް ނުއުފެއްދޭނެ ބިލަކާއި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޗެއާމަނުންނާއި އެމްޑީންނަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް، ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދިހަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެ ބިލުތަކަކީ ރައްޔިތުންނާ ގުޅުން ހުރި ބިލުތައް ކަމަށާއި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގު ލިބިދިނުމަށް ރައްޔިތުންނަށް ބާރު ލިދޭ ގޮތަށް ހުށަހަޅާ ބިލުތަކެއް ކަމަށް ވެސް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.