އައު ޑިޖިޓަލް ޚިދުމަތްތަކަކާއެކު, އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަން، އެސްއެމްއީ ޑިޖިޓަލްއަށް މިއަދު ބަދަލުކޮށްފިއެވެ.

އެސްޑީއެފްސީގެ އައު ނަމާއި ލޯގޯ ތައާރަފުކޮށްފައިވަނީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބީއެމްއެލްއިން ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. އެސްއެމްއީ ޑިޖިޓަލްގެ ލޯގޯ އާއި ބްރޭންޑިން އިފުތިތާހުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ.

މި ހަފުލާގައި އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްޑީއެފްސީގެ ނަން، އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކުރީ އެ ތަނުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ލިބޭ ފަސޭހަތައް ފޯރުކޮށްދިނުމަށް ފަށާ އައު ސަފުހާގެ ތެރެއިން ކަމަށެވެ. އަދި ޑިޖިޓަލްކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގައި ބަދުރުއްދީން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ކުންފުނި ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސްކޮށްދޭ ކުންފުންޏަކަށް އެކަންޏެއް ނޫން. އެސްއެމްއީ ޑިޖިޓަލްއަކީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ވިޔަފާރީގެ ހުރިހާ ސޮލިއުޝަންތަކެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ވެގެންދާނެ،" ބަދުރުއްދީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ފައިސާ މެނޭޖުކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހައްލުތައް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް މެދުވެރިކޮށް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަދުރުއްދީން ވިދާޅުވީ ބީއެމްއެލްގެ މޯބައިލް އެޕްގެ ތެެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތައް ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން ފެންނާނެ ކަމަށެވެ. އަދި ފެސިލިޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ވެސް ފަހިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގައި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުން 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބީއެމްއެލްއަށް ވިއްކާލައިފައެވެ.