19 Aug 2012, 09:53
ޖިއްދާ (އޮގަސްޓް 19): މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ހިންގާފައިވާ ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤް ކުރުމަށް މިޔަންމާގެ ރައީސް ތިންސިން ނިންމެވުމުން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ން އެކަމަށް މަރްޙަބާ ކިޔައިފިއެވެ.
މިޔަންމާގެ ރައީސްގެ މިނިންމެވުމަށް މަރްޙަބާ ވިދާޅުވަމުން އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިއީ މިޔަންމާއިން ކުރިޔަށް އެޅި ފިޔަވަޅެއް ކަމަށާއި މިކަމަށް އިސްލާމީ ޤައުމުތަކުން މަރްޙަބާ ކިޔާކަމުގައެވެ. މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގާފައިވާ ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤް ކުރުމަށް ރައީސް ތިންސިން ނިންމަވައި 27 ތަޖްރިބާކާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމިޝަނެއް މިދިޔަ ބުރާސްފަތިދުވަހު އޭނާ ވަނީ އެކުލަވާލައްވާފައެވެ.
މިކޮމިޓީ އެކުލަވާލައްވާފައިމިިވަނީ އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ މައްކާގައި ދާދިފަހުން ބޭއްވި ސަމިޓްގައި މިޔަންމާގެ މުސްލިމުންގެ ޙައްޤުގައި އަޑުއުފުލާފައިވަނިކޮށެވެ. މީގެއިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވެސްވަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ބަލައި ތަޙްޤީޤް ކުރުމަށް ރައީސް ތިން ސިން އަށް އިލްތިމާސެއް ކުރައްވާފައެވެ.
އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށްޓަކައި އެޤައުމުގެ ރެކިންސްޓޭޓަށް ދިޔުމުގެ ފުރްސަތުވެސް މިޔަމްނާ ސަރުކާރުން ދާދިފަހުންވަނީ އިސްލާމީ ޤައުމުތަކުގެ އެހީދޭ ޖަމްޢިއްޔާ ޖަމާއަތްތަކަށް ދީފައެވެ. އޭގެކުރިން އިސްލާމީ ޤައުމުތަކުގެ ވަފްދުތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް ސީދާގޮތެއްގައި މިޔަންމާ އަށް ވަނުމަށް އެޤައުމުން ވަނީ ދެކޮޅުހަދާފައެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުގެ އަނިޔާވެރިކަން ތަޙައްމަލްކުރަންޖެހިފައިވާ އެ ޤައުމުގެ މުސްލިމުންގެ ތެރެއިން އެޤައުގެ އެތެރޭގައި ދިރިއުޅޭ މީހުންގެ އިތުރުން ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ބަންގްލަދޭޝަށް ހިޖްރަކޮށްފައިވާ ފަރާތްތަކަށްވެސް ކާބޯތަކެއްޗާއި ބޭސް ފަރުވާއާއި ހިޔާވަހިކަންފަދަ އިންސާނުން ދިރިތިބުމަށްޓަކައި ބޭނުންވާ އަސާސީ މާއްދާތައްވަނީ އިންތިހާއަށް ބޭނުންވެފައެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި ޤަތްލުއާންމުތައް ހިންގުމާއި ގެދޮރުގައި ހުޅުޖެހުމާއި އެމީހުން ވަޒަނުންބޭރުކުރުމާއި މުދައު ފޭރުމާއި އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމާއި ބިރުދެއްކުންފަދަ ޖަރީމާތައް ހިމެނޭކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. -- ނޫސްއެޖެންސީތައް