29 Oct 2025, 13:26
މާބޮޑަށް އެއްޗެއް ބާވީމައި ނުވަތަ ހަލާކު ވީމައި އާންމުކޮށް އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އެ އެއްޗެއް ދޫކޮށްލާފައި އާ އެއްޗެއް ހޯދުމެވެ. ނޫނީ ހަމައެކަނި ތަރިކައެއްގެ ގޮތުގައި ބެހެއްޓުމެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މި އޮތީ މީގެ ތެރެއިން ކޮންމެ ވެސް އެއް ގޮތެއް ހަދަން ޖެހިފައެވެ.
ދިވެހީންގެ ލޭނާރު ކަމަށް ބުނާ މަސްވެރިކަން މި އޮތީ ވަރަށް ހާލުގައެވެ. އޭގެ އެއް ސަބަބަކީ މަސް ގަންނަ އަގު ސިޔާސީ ބޭނުމަށް ކަނޑައެޅުމެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވެފައި ވަނިކޮށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރައްވައިފައެވެ. އެއާއެކު އެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ކުންފުނިތައް ހުއްޓުމަކަށް އައީ ހަމަ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެތައް މިލިއަން ޑޮލަރެއްގެ އިންވެސްމަންޓް ފެނަށް ވީއެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތްތަކެއް: -- ފޮޓޯ/ މިފްކޯ
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދަކީ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑު ކުރެއްވުމެވެ. ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު އޮތްއިރު އެ ވައުދުގެ ވާހަކަ ރައީސް ދައްކަވާ މިންވަރު މިހާރު އެބަ އިތުރުވެއެވެ. އެއީ އެކަން ކުރައްވަން އުޅޭ ކަމުގެ ބޮޑު ހެއްކަކަށް ވެދާނެއެވެ. ނަމަވެސް އެއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ.
އޭގެ މިސާލަކީ ވޯޓަށް ވެގެން ޞާލިޙް, ކުއްލިއަކަށް މަސް ގަންނަ އަގު ބޮޑު ކުރުމުން މި ސަރުކާރުގެ ކުރީކޮޅު އުފުލަން ޖެހުނު ބުރައެވެ. އެންމެ ފަހުން ކެތް ނުވެގެން މި ސަރުކާރުން މަސް ކިލޯއެއްގެ އަގު 16 ރުފިޔާއަށް ދަށްކުރީއެވެ. އެވަރުން ވެސް ވަނީ ގެއްލުމެވެ. މިދިޔަ އަހަރު މިފްކޯއިން ބުނިގޮތުގައި މަސް ކިލޯއެއްގެ އަގު 16 ރުފިޔާއަށް ހެދުމުން ވެސް, މިފްކޯއަށް އެ އަގަށް މަސް ގަނެވޭނީ ކޮންމެ މަހަކު 20 މިލިއަން ނުވަތަ 25 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ސަރުކާރުން އެ ކުންފުންޏަށް ދީގެންނެވެ. މި ގޮތަށް ސަރުކާރުން އަހަރެއްގެ މައްޗަށް މިފްކޯއަށް 353 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. އެ ވަރުން ވެސް ކުންފުނި ހިންގަނީ ގެއްލުމުގައެވެ.
މިހެން މިވަނީ ކީއްވެ؟
އެއް ކުރަން، ކަނޑަން އެނގޭ މީހަކު ވެސް މިފްކޯއިން އެ ކުރަނީ ވިޔަފާރިއެއް ކަމަކަށް އެއްބަހެއް ނުވާނެއެވެ. ވިއްކަން ނުލިބޭ އަގެއްގައި އެއްޗެއް ގަނެ, އެ ރައްކާ ކުރުމަށާއި މުވައްޒަފުންނާއި އެހެނިހެން ކަންކަމަށް ޚަރަދު ކޮށްގެން ކުންފުނި ހިންގުމަކީ ވިޔަފާރިއެއް ނޫނެވެ.
ރާއްޖޭގެ ވަރަށް މަޝްހޫރު އަދި ވަރަށް ތަޖުރިބާކާރު ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ގިނަ އެހެން ކުންފުނި ތަކެކޭ އެއްގޮތަށް މިފްކޯ ވެސް ހިންގަމުން އަންނަނީ ވިޔަފާރީން ނަފާ ހޯދަން ބުރަ މަސައްކަތްތަކެއް ކުރާ އުސޫލަކުން ނޫން ކަމަށެވެ. އެއީ ފޫނުބެއްދޭ ބަޔަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެތައް ސަތޭކަ މިލިއަނެއް ކޮންމެ އަހަރަކު ވެސް ދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އަހަރަކު 300 މިލިއަން ރުފިޔާ ދޭއިރު ވެސް ގެއްލުމުގައި އެ ހިންގަނީ. 16 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ވެސް ހަތަރު ރުފިޔާ ސަރުކާރުން އެބަ ދޭން ޖެހޭ މިފްކޯއަށް. އެވަރުން ވެސް ގެއްލުމުގައި އެ ހިންގަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ސަބްސިޑީ ދެނީ ސީދާ މަސައްކަތް ކުރާ މީހާއަށް. ކުންފުންޏަކަށް ނޫން," އޭނާ ވިދާޅުވިއެވެ.
މަހުން އެކިއެކި ޕްރޮޑަކްޓްތައް އެހާ ވަރަށް ހެދުމުގެ ކެޕޭސިޓީ, މިފްކޯގެ ނެތުމުން އެ ކުންފުނިން އެންމެ ގިނައިން ކުރާ ކަމަކީ ނުއަގުގައި ގަންނަ ރޯ މަސް ތައިލޭންޑަށް އެކްސްޕޯޓް ކުރުމެވެ.

މަސްވެރިން --
ޝިޕިން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި ކޮންމެ 40 ދުވަހަކުން 2000 ޓަނާއި 2500 ޓަނުގެ ރޯމަސް ރާއްޖޭން ތައިލޭންޑަށް ގެންދެއެވެ. އެ ގޮތަށް ވިއްކާ ރޯ މަހަށް ލިބޭ އަގު ކުޑަވެފައި ދެކޮޅު ވެސް ނުޖެހެއެވެ.
"ތައިލޭންޑުން ގިނަ މަސްތަކެއް ރިޖެކްޓަށް ހަދާލާނެ. މަސް ގަންނަ އަގުގެ ކޮންޓްރޯލް ވެސް އޮންނަނީ އެ މީހުން އަތުގައި. އެއީ ކިހާ ބޮޑު ގެއްލުމެއް. އެކަމަކު ތައިލޭންޑަށް ރޯމަސް ވިއްކަން މި ޖެހެނީ ގަންނަހާ މަހުން މަސްދަޅު ހަދާނެ ކެޕޭސިޓީ މިފްކޯގައި ނެތީމައި. ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީއެއް ނެތް," މަސް އެކްސްޕޯޓް ކުރާ ވިޔަފާރިވެރިއަކު ވިދާޅުވިއެވެ.
"ފައިދާއެއް މިފްކޯއަށް ހޯދޭނީ މަސްދަޅު ހަދައިގެން, ވެލިއު އެޑްކޮށްގެން. އެކަމަކު އެކަން ކުރާނެ ކެޕޭސިޓީއެއް މިފްކޯގައި ނެތް މިއޮތްހާ ޒަމާންވިއިރު ވެސް. މަސް ބޯޓްތައް ބޮޑުވެ ބާނާ މަސް ގިނަ ވިޔަސް މިފްކޯ ބޮޑެއް ނުވޭ."
އިންވެސްޓަރުންނަށް އޮތް ބިރަކީ މިފްކޯއާއި ސިޔާސީ މީހުން!
މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކައިން އެނގުނު ގޮތުގައި، ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ރާއްޖޭގައި މި ކުރާ މަސްވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތަކެއް ވެސް އެބަހުއްޓެވެ. ނަމަވެސް އެ މީހުންނަށް އެކަން ކުރަން ނުކެރެނީ މިފްކޯ އާއި ސިޔާސީ މީހުންގެ ސަބަބުންނެވެ.
"ކޮންމެ އިންތިޚާބަކަށް މަސް ގަންނަ އަގު ސަރުކާރުން ބޮޑު ކުރޭ އެބަ. މާކެޓް އަގަކަށް ނުބަލާ. ދެން އެ އަގު މާކެޓްގައި ނެތްނަމަ ކިހިނެއް އަމިއްލަ ކުންފުނިތަކުން އެއާ ވާދަ ކުރާނީ. މިއީ މައްސަލައަކީ. މިފްކޯ އިސްލާހު ނުވެ އިންވެސްޓަރުންނެއް ނާންނާނެ," ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.
ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ރާއްޖޭގައި މަސްވެރިކަމުގެ ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިންގެ ނަޒަރުގައި ސަރުކާރާއި މިފްކޯއިން މި މާކެޓަށް ނުވަންނަ ނަމަ މަސްވެރިންނަށް ވެސް މާ ރަނގަޅު އެއްޗެއް ލިބޭނެއެވެ. އެއީ ވަކި ފިކްސްޑް ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި, ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއް މިންވަރަށް މަސް ގަތުމެވެ.
"ސަރުކާރުން މީގެ ތެރޭގައި ނޫޅޭނަމަ ހަގީގަތުގައި މަސްވެރިންނަށް މާ ރަނގަޅު އަގެއް ވެސް ދެވޭނެ. މިހާރު ބޭރުގެ ބޮޑެތި ކުންފުނިތަކުން މިފްކޯ އަގުން އެ މަސް ގަންނަނީ ހެޔޮ އަގުގައި. އެހެންވީމަ އަމިއްލަ ކުންފުނިތަކުގެ އަތުން ނުގަންނާނެތާ. އެ ހުރިހާ ދައްޗެއް ވެސް އެބަހުރި," ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

އޭޕްރިލް 2022: ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި --- ފޮޓޯ/ ސޯޝަލް މީޑިއާ
އެ ވިޔަފާރިވެރިން ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވެސް މިކަން ދޫކޮށްލައިފި ނަމަ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާނެ ގިނަ ކުންފުނިތަކެއް އެބަތިއްބެވެ.
ގައުމާމެދު ނުވިސްނާ ސިޔާސީން ވިސްނަނީ އެ މީހުންނަށް
މިފްކޯ އިސްލާހުކޮށް, ރަނގަޅު އިންޑަސްޓްރީއަކަށް މަސްވެރިކަން ހެދުމަކީ ހަމަ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު އެއް ވައުދެވެ. އިންތިޚާބުތަކާ ކައިރިކޮށް އަދި މި އަޑުތައް ގިނަވެއެވެ. ސަބަބަކީ މަސްވެރިންނާއި އެ އާއިލާތަކުގެ ވޯޓު ހޯދުމެވެ.
ގައުމަށާއި މަސްވެރިކަމުގެ ދާއިރާއަށް ކިތަންމެ ބޮޑު ގެއްލުމެއްވި ނަމަވެސް ހުރިހާ ސަރުކާރުތަކަކުން ވެސް މިފްކޯ ދޫނުކޮށްލަނީ ސިޔާސީ ސަބަބުތަކަށް ޓަކައި ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެއީ ވޯޓަށް ކައިރިވުމުން މަސް ގަންނަ އަގު ބޮޑު ކުރުމާއި މިފްކޯ މެދުވެރިކޮށް ވަޒީފާތައް ބަހައިގެން ވޯޓު ހޯދުން ފަދަ ކަންކަމަށެވެ.
މިހާރު އަދި މާ ނުރައްކާ ހާލަތަކަށް އެ އިންޑަސްޓްރީ ގޮސްފިއެވެ. ގިނަ މަސްވެރިންތަކަކަށް މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އެތައް ހާސް ވަޒީފާއެއް ދީފައެވެ. ނަތީޖާއަކީ މަހަށް ދާނެ ދިވެހީން ނެތުމެވެ. އެހެންވެ ޒަމާނުއްސުރެ, މަނާ ކޮށްފައި އޮތްއޮތުން ދޫކޮށްލައި މަސްވެރިކަން ބިދޭސީންނަށް ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރިއެވެ. ނަތީޖާއަކީ މިއަދު ގިނަ ދޯނިތަކެއްގައި ފަޅުވެރިންނަށް ބިދޭސީން ތިބުމެވެ.
"އެހެންވީމައި ސަރުކާރުން މަސް ކިލޯއަކަށް މިދޭ ސަބްސިޑީ މި ދެވެނީ ބިދޭސީނަށް ނޫންތޯ. އޭގެ ތެރޭގައި ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަ. އެ މީހުން އެ ފައިސާއިން ބޮޑު އަގުގައި ޑޮލަރު ގަނެ އެ ފޮނުވަނީ އެ މީހުންގެ ގައުމަށް." ވިޔަފާރިވެރިޔާ ކިޔައިދެއްވިއެވެ.
ހައްލަކީ ކޮބާ؟
ރާއްޖެފަދަ ގައުމެއްގައި ސަރުކާރަކަށް ރަނގަޅު ވިޔަފާރިއެއް ނުކުރެވޭނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ, ދިވެހީންގެ އެންމެ ބޮޑު އެއް ނަސީބު ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީއެވެ. އަހަރަކު ހައެއްކަ ބިލިއަން ރުފިޔާ ރާއްޖެއަށް އެ އިންޑަސްޓްރީން އެ ވައްދަނީ ސަރުކާރުން އެ ވިޔަފާރި ނުކޮށެވެ. ދުނިޔެމަތީގެ ސުވަރުގެއަކަށް ރާއްޖެ ބަދަލު ކޮށްލީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އަމިއްލަ ވިޔަފާރިތަކުންނެވެ. ދިވެހި ސަރުކާރުން އެ ވިޔަފާރި ކުރަން އުޅެއުޅެ ނުވިއެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަކީ އޭގެ މިސާލެކެވެ.
އެހެންކަމުން މާލީ ތަޖުރިބާކާރުންގެ ނަޒަރުގައި މަސްވެރިކަމުން ވެސް ރާއްޖެއަށް ނަފާ ހޯދެން އޮތީ ސަރުކާރާއި ސިޔާސީ މީހުން މި ވިޔަފާރިއަށް އަތްބޭނުން ހުއްޓާލައިގެންނެވެ. އެއްގޮތަކީ މިފްކޯ އުވާލުމެވެ. އަނެއް ގޮތަކީ މިފްކޯގެ ހިއްސާ ވިއްކައި ޕްރައިވަޓައިޒް ކުރުމެވެ. ނަތީޖާއަކަށް ވާނީ އޭރަށް މިފްކޯ ވެސް ފައިދާ ހޯދަން މަސައްކަތް ކުރަން ޖެހުމެވެ. އަމިއްލަ ކުންފުނިތަކާ ވާދަ ކުރަން ޖެހުމެވެ. ވިޔަފާރީގައި އެފަދަ ވާދަވެރިކަމެއް އޮތުމުން ހުރިހާ ގޮތަކުން ވެސް ފައިދާވާނެއެވެ. ދިރާގު އެކަނި އޮއްވައި ވަތަނިއްޔާ ރާއްޖެ އައުމުން ވި ފައިދާއަކީ އޭގެ މިސާލެކެވެ.
"އަމިއްލަ ހިއްސާދާރުން ތިބޭ ކުންފުނިތައް މޮނިޓާ ކުރާނީ ވަރަށް ރަނގަޅަށް. ގިނަ ފަހަރަށް އަމިއްލަ ކުންފުނިތައް ހިންގަނީ ފައިދާއަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން. މިފްކޯ ވެސް އެ ގޮތަށް ބަދަލު ކުރަން ޖެހޭ. އަބަދު ސަރުކާރުން ފައިސާ ނަގައިގެން ހިންގުމަކީ ވިޔަފާރި ކުރުމެއް ނޫން. މިފްކޯ ޖެހޭނީ ކޮމްޕެޓިޓިވް މާކެޓަށް ނުކުންނަން," މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
މިފްކޯއަކީ މިއަދު ރިހޭ ދަތެކެވެ. އެތައް ފަހަރަކު ފުޓުނި އަޅައިފިއެވެ. އެކަމަކު ހަމަ ފީކަނީއެވެ. އެ ދަތް ވެފައި މިއޮތީ ގައުމަށް ބުރައަކަށެވެ. ރާއްޖެއަށް ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދެން އޮތް އިންޑަސްޓްރީއެއް ނެތިގެން އެ ދަނީ މިފްކޯގެ ސަބަބުންނެވެ. މިކަމަށް ހައްލެއް އަވަހަށް ބޭނުމެވެ. މަސްވެރިންނަށް ވެސް ރަނގަޅު ވާނީ މިފްކޯ މި ހިންގާ ގޮތަށް ހިންގަން ނެތިއްޔާއެވެ. ޕްރައިވަޓައިޒް ކުރަންވީއެވެ.