ވަގަށް ސިނގިރޭޓު އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މިއަދު މަގާމުން ވަކިކޮޮށްފިއެވެ.

އެއީ ކޮން ބައެއްކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، 'ސަން'އަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ.

މިއީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ޚިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ގޮތުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ކަސްޓަމްސްއަށް އަންގަވާފައިވާ ކަމަށެވެ.

އެކަމަކު، އެ މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.

ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ވެއާހައުސްގައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ގެއްލުނު މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ.

ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ މޭ މަހުގެ އަށްވަނަ ދުވަހު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. އަދި، 12 މީހަކު ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާނުކޮށް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އެ މަހުގެ ހަތަރުވަނަ ދުވަހު ނިންމާފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ނަމަވެސް، އިތުރު ހެކި ނެތް ކަމަށް ބުނެ، ހޯކްސްގެ މައްޗަށް މި މައްސަލައިގައި ދައުވާނުކުރަން ވަނީ ނިންމާފައެވެ.

މި ކަމާ ގުޅިގެން ހޯކްސްއިން "ސަން"އަށް އޭރު ބުނީ، އެއީ ބޭރު ބަޔަކާއި ހޯކްސްގެ މުވައްޒަފުންގެ ޓީމެއް ގުޅިގެން ހިންގަފައިވާ "ޖަރީމާއެއް" ކަމަށާއި، އެ ކަމާ ގުޅިގެން ކަސްޓަމާއި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ހޯކްސްގެ ފަރާތުން ދޭނެ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ހޯކްސްއިން ނެރެފައިވާ ބަޔާނެއްގައިވަނީ ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރީ މުވައްޒަފުންތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި، އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ.