ކީރިތި ޤުރްއާނުގެ އިރްޝާދުތަކުގެ ތެރޭގައި ހިތްތިރިކުރުމާއި ނިއަނެތިކަމަށް ވެސް ވަނީ އިރްޝާދު ދެއްވައިފައެވެ. ކީރިތި ޤުރްއާނުގެ ލުޤްމާނު ސޫރަތުގައި، ލުޤްމާނުގެފާނުގެ ނަސޭހަތްޕުޅުތަކެއްގެ ގޮތުގައި ވަޙީކުރައްވައިފައި ވެއެވެ.
"އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ މޫނު އަނބުރައިނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއްނުވެތެވެ. އަދި ތިބާ ހިނގާހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ!
ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ، ޙިމާރުގެ އަޑުކަން ކަށަވަރެވެ." (ލުޤްމާނު: 18،19)
އިންސާނާގެ ފުރިހަމަކަން ވަނީ ބޮޑާވެ ކިބުރުވެރިވުމުގައެއް ނޫނެވެ. އަދިކީއްތޯއެވެ؟ ހިތްތިރިވުމާއި ނިއަނެތިވުމުގައެވެ. އިންސާނާއަށް ކިބުރުވެރިވެ ފަޚުރުވެރިވެގަތުމަކަށް ޖާގައެއް ނެތެވެ. އަދި ކީއްތޯއެވެ؟ އޭނާގެ ޒީނަތްތެރިކަމަކީ ހިތްތިރިކަމާއި ނިއަނެތިކަމެވެ. އިންސާނާގެ ފުރިހަމަކަމަކީ އަޑުގަދަކުރުމާއި ހަޅޭފަޅޭއް ލެވުމެއް ނޫނެވެ. އޭނާގެ މާތްކަމަކީ އަޑުމަޑުކުރުމާއި މަޑުމައިތިރިވުމެވެ. ކިބުރުވެރިކަމާއި ބޮޑާކަމަކީ އިންސާނާގެ ހަރުދަނާކަމެއް ނެތްކަމުގެ ދަލީލެކެވެ. އިސްލާމްދީން އިންސާނާ އިންތިހާ ދަރަޖަޔަށް މަޑުމައިތިރި ކުރުވައެވެ. އެހެނީ އިންސާނާ ފުރިހަމަ މާނައިގައި މުސްލިމަކަށް ވެއްޖެނަމަ އޭނާ ވާނީ އެންމެ ފުރިހަމަ މާނައިގައި ތަވާޟުޢުވެރިއަކަށެވެ. ހިތްތިރި، މަޑުމައިތިރި، ނިއަނެތި މީހަކަށެވެ. ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، ނިއަނެތިކަމަކީ އިންސާނީވަންތަކަމުގެ އެންމެ ފުރިހަމަ ދަރަޖައެވެ. ހަމައެފަދައިން އިސްލާމްވަންތަކަމުގެ ވެސް ޚުލާޞާއެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެއްގައި ވާގޮތުން، އަރަހުށި މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުން ތަވާޟުޢުވެރި ވާށެވެ. އެކަކު އަނެކެއްގެ މައްޗަށް އަތްދިގުކޮށް އަނިޔާވެރިވެ، ގަދަބަދަވިކަން ދެއްކުމެއް އެކަކު އަނެކެއްގެ މައްޗަށް ފަޚުރުވެރިވުމެއް ނެތިއްޖައުމަށް ދާނދެނެވެ." (އަބީ ދާއޫދު)
އިސްލާމްދީނުގެ ތަޞައްވުރުގައި މަތިވެރިވަންތަކަމާއި ކިބްރިޔާވަންތަކަން ޚާއްޞަވެގެންވަނީ އަރަހުށި މާތްﷲ އަށެވެ. އިންސާނުންނަކީ އެންމެން އެއްވަރު ބައެކެވެ. އެންމެން ހަމަ ބައެކެވެ. އެންމެންނަކީވެސް މާތްﷲ ގެ އަޅުންނެވެ. މީހެއްގެ ހިތަށް މި ޢަޤީދާ ފުރިހަމަޔަށް ވަދެއްޖެނަމަ އޭނާގެ އަމިއްލަ ޒާތުގައި އޭނާއަކީ ހިތްތިރި، މަޑުމައިތިރި، ނިއަނެތި މީހަކަށް ވެދެއެވެ. ތިމާގެ ރަސްވަންތަ، ސާހިބުވަންތަ ފަރާތަކީ މާތްﷲ ކަމުގައި ޤަބޫލުކުރާ މީހާގެ ކިބައިގައި އުފެދިގެންދާ ނިއަނެތިކަމުގެ ސިފައިގެ ނަމަކީ ތަވާޟުޢުވެރިކަމެވެ.

ތަވާޟުޢުވެރިކަމަކީ އިންސާނިއްޔަތުގެ ގަހަނާއެވެ. އެމުޖުތަމަޢެއްގެ އަފުރާދުންގެ ކިބައިގައި ތަވާޟުޢުވެރިކަން ހުންނަ މުޖުތަމަޢުތަކުގައި އިންސާނީ އެހެން ހުރިހާ ފުރިހަމަ ސިފަތަކެއް އަމިއްލަޔަށް އަށަގަނެއެވެ. ތަވާޟުޢުވެރިޔާއަކީ އޭނާ އުފެއްދެވި އިންސާނީ ފިޠުރަތުގައި ހުރި މީހެކެވެ. ބޮޑާވެ ކިބުރުވެރިވެފައިވާ މީހާއަކީ އިންސާނީ ފިޠުރަތުން އެއްކިބާވެފައިވާ މީހެކެވެ. ތަވާޟުޢުވެރިޔާއަކީ ޙަޤީޤަތަށް އިޢުތިރާފުވާ މީހެކެވެ. އެމީހެއްގެ ކިބައިގައި ތަވާޟުޢުވެރިކަމެއް ނެތް މީހަކީ އެމީހެއްގެ ކިބައިގައި ޙަޤީޤަތް ޤަބޫލުކުރުމެއް ނެތް މީހެކެވެ. އޭނާއަކީ ބޭރުފުށުން އިންސާނެއްގެ ސިފައިގައި ފެނުނު ކަމުގައި ވިޔަސް ޙަޤީޤަތުގައި އިންސާނެއް ނޫނެވެ.