29 Oct 2025, 11:33
ބަހްރެއިންގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓްގައި ވާދަކުރުމަކީ ބޮޑު ތަޖުރިބާއެއް ކަމަށާއި، މިފަހަރު މުބާރާތުގެ ތެރެއިންނާއި ފަރިތަކުރުންތަކުގައި ކުޅެން ލިބުނު މެޗުތަކުން ކުރިއެރުންތަކެއް ލިބި، ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތައް ނެރެވޭނެކަމުގެ އުންމީދު ބޮޑުވި ކަމަށް ކުޅުންތެރިން ބުނެފިއެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަށް އެތުލީޓުން ވާދަކޮށްފައިވެއެވެ. އެއީ ފަލާހު އަހުމަދު ފަރޫޒާނާއި އައިމިނަތު ފަރްހާ ފަރޫޒާންގެ އިތުރުން އިބްރާހީމް ނަޝީތު ހަމްދީ، އައިޝަތު ޔޫހާ އަހުމަދު، އައިމިނަތު އަމްނާ އަލީ އާމިރު، އާދިލް މުހައްމަދު ކިޔާން، އަހުމަދު މަމްދޫހު އިޔާން އަދި އަހުމަދު އަޒާން އާދަމް ފައިސަލެވެ.
މި ފަހަރުގެ އޭޝިއަން ޔޫތު ގޭމްސްއަކީ އެ ހުރިހާ އެތުލީޓުންނަށްވެސް އެފަދަ ބޮޑު މުބާރާތެއްގެ ފުރަތަމަ ތަޖުރިބާއެވެ. މިއަދު ބެޑްމިންޓަން ރައުންޑް އޮފް 32ގެ އިވެންޓްތައް ކުރިއަށް ދިޔަ އިރު، ފަރްހާއާއި ފަލާހު ވަނީ އެ ބުރުގައި ވާދަކޮށްފައެވެ.
ފަލާހް ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މިއަދު ވާދަކުރީ ސްރީ ލަންކާގެ ކެނެތު އަރުގޯޑާ ދެކޮޅަށެވެ. އެ މެޗުގައި ފަލާހު ރަނގަޅު ވާދައެއް ކުރި ނަމަވެސް ލަންކާ ކުޅުންތެރިޔާ މެޗު ގެންދިޔައީ ދެ ސެޓުންނެވެ. ފަރްހާވެސް ވާދަކުރީ ސްރީ ލަންކާގެ އެތުލީޓަކާއެވެ.
އެ ގައުމުގެ ސިތުލާ ރަނަސިންހޭއާ ވާދަކުރި މެޗުގައި ފަރްހާ ވަނީ މޮޅަށް ކުޅެފައެވެ. އަދި 21-7 އިން ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުގައި ފަރްހާ ވަނީ ވަރުގަދަ ކުޅުމަކާއެކު ފަރަގު ކުޑަކޮށްފައެވެ. އެ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 21-12 އިންނެވެ.
މިއަދުގެ މެޗުތަކަށް ފަހު ފަރްހާއާއި ފަލާހު ބުނީ ގޭމްސްއެއްގެ ތަޖުރިބާ ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ރަނގަޅު ކުރަން ބޭނުންވާ ކަންތައްތައް ފާހަގަވެއްޖެ ކަމަށެވެ. އޭގެ އިތުރުން ބަހްރެއިން ކަހަލަ ގައުމެއްގެ ވަރުގަދަ ފެސިލިޓީއެއްގައި މެޗުތަކެއް ކުޅެން ލިބުމުން، ގިނަ ކަންތައްތަކެއް ދަސްވި ކަމަށްވެސް އެތުލީޓުން ބުންޏެވެ.