19 Aug 2012, 09:03
ފިތުރު އީދު ދުވަހަށް މިއަދު އިރު އަރައިގެން އާއިރު ފިތުރު އީދު ނަމާދުގެ ބިޔަ ޖަމާއަތުގައި ބައިވެރިވާން އެތަކެއް ހާސް ބަޔަކު ދިޔައީ މާފަންނު ސްޓޭޑިއަމަށް ޖަމާވަމުންނެވެ. އިއްޔެއިން ފެށިގެން ރޭ މެންދަމުން އަލިވެ ފަތިސްވުމާ ހަމައަށް ނަމާދަށް ތައްޔާރުކޮށްފައިވާ ސްޓޭޑިއަމަށް ހެނދުނު 6:45 ވީއިރު މީހުން ޖަމާވާން ފެށި އިރު ހެނދުނުގެ އެވަގުތު މާލޭގެ މަގުތަކަށް ވަނީ މީހުން ޖަމާވެފަ އެވެ. އެންމެންގެ މޫނު މަތިން ވެސް ފެނުނީ އުފާވެރި ކަމެވެ. އެކަކު އަނެކަކަށް ގޮވާލައި އީދުގެ ތަހުނިޔާ ކިޔަމުންދިޔަ ތަނެވެ.
"އީދު މުބާރިކު!" ހިނިތުން ވެލުމާއެކު ކޮންމެ މީހަކު ވެސް ގޮވާލަ އެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ތައްޔާރު ކުރި އިރު ޓާފް ދަނޑުގެ ދަނޑުގެ ދެކުނު ފަރާތް އޮތީ ފިރިހެނުންނަށެވެ. ޓްރެކް ދަނޑުގައި އަންހެނުންގެ ޖަމާއަތެވެ. މީގެ އިތުރުން ޓާފު ދަނޑުގެ އިރަށް އޮންނަ ދަނޑުގައި ވެސް ޖަމާއަތް ހަދައި އެ ސަރައްދު ފުރުނު އިރު އަމީނީ މަގުގައި ވެސް ސަފަތުތައް ހަދައިފައި ވެއެވެ. ހެނދުނު ގާތްގަނޑަކަށް 7:00 ޖަހާކަން ހާއިރު ސްޓޭޑިއަމް އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ.
ގިނަ ވޮލަންޓިއަރުން ބައިވެރިވެގެން އެ ސަރަހައްދު ތައްޔާރުކޮށްފައި އޮތީ ޓާފް ދަނޑުގެ ދެކުނު ފަރާތާއި ޓްރެކްދަނޑުގައި ނަމާދުކުރެވޭ ގޮތައް، ސަތަރި އަޅައި ރޯނު ދަމައި އަދި ސަފުތައް ވެސް ބައިކޮށްފަ އެވެ. ހެނދުނު ޖަމާވި ގިނަ ބަޔަކު މަސައްކަތް ކުރީ މިންބަރާ ކައިރީ އިސް ސަފުތަކުން ޖާގަ ހޯދާށެވެ. ނަމަވެސް ބައިލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ޖަމާވުމުގެ ސަބަބުން ފައިވާން ކޮތަޅު ކޮތަޅަށް ލައިގެން ކުރީގެ ސަފުގައެއް ޖާގައެއް ހޯދަން އުޅުނު ގިިނަ މީހުން ޖެހުނީ ފަހަތަށް ފޮނުވާށެވެ. ކުރީ ސަފުން ޖާގައެއް ނުލިބިގެން ބައެއް މީހުން ޝަކުވާވެސް ކުރި އެވެ. ކުރީ ސަފުތަކުގައި ގިނައިން ތިބީ ބިދޭސީންނެވެ.
"އެމީހުން އަންނަން ފަށައިފި ފަތިހުން ފެށިގެން،" އެ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓި މީހަކުގެ ތެރެއިން މީހަކު ބުންޏެވެ.
ރާއްޖޭގައި އީދު ނަމާދެއް ކުރަން މިހާތަނަށް ހެދި އެންމެ ބިޔަ ޖަމާއަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިވި އެވެ. ބިޔަ ޖަމާއަތުގައި އިމާމުވެ ވަޑައިގެން އީދު ނަމާދު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތީ ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފަށެވެ.
ސްޓޭޑިއަމް ސަރަހައްދު ރޭ ތައްޔާރުކުރަމުން ދިޔައިރު އިސްލާމިކް މިނިސްޓާ ޝޭހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ އެ ސަރަހައްދު ތައްޔާރުކުރަނީ 30000 މީހުންނަށް އަމާޒު ކޮށްގެން ކަމަށެވެ. ނަމަވެސް ބިޔަ ޖަމާއަތުގެ ނަމާދާއި ހުތުބާއަށްފަހު މިނިސްޓާ ޝަހީމް ސަން އޮންލައިންއަށް ވިދާޅުވީ މިއަދުގެ ބޮޑު ޖަމާއަތަށް ބައި ލައްކައެއްހާ މީހުން ހާޒިރުވި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރި އަދަދަށްވުރެ ގިނަ ބަޔަކު ހާޒިރުވެއްޖެ، މުޅި ސަރަހައްދު ފުރިފައި ނޫންތޯ މިއޮތީ،" މިނިސްޓާ ވިދާޅުވި އެވެ. "އަޅުގަނޑުމެންންގެ އެއްބައިވަންތަކަން ހާމަވެގެން ހިނގައްޖެ،"
މިއަދުގެ ބިޔަ ޖަމާއަތް އިތުރަށް ސިފަކުރައްވަމުން މިނިސްޓާ އިތުރަށް ވިދާޅުވީ ރަސޫލާގެ ސުންނަތެއް ދިރިގެން ހިނގައްޖެ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ؛ "އީދު ދުވަހު ދިވެހިން ދީނަށް ކުރާ ލޯތްބާއި އެއްބައިވަންތަކަން ފާޅުވެން ހިނގައްޖެ،" ކަމަށެވެ.
މިއަދުގެ ހުތުބާވެސް ފާހަގަކޮށްލެވެ އެވެ. ގާތްގަނޑަކަށް 20 މިނެޓް އިރަށް ކުރިޔަށް ދިޔަ ހުތުބާގައި ޑރ. އިޔާޒު ވަނީ މުޖުތަމައުގެ ހުރިހާ ދިމާލަކަށް އަލިއަޅުއްވާލައްވައިފަ އެވެ. ގައުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. ފިކުރީ ހަނގުރާމައެއް ދިވެހިންނަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެކަމަށް ރައްކާތެރިވުމަށް އިލްތިމާސްކުރެއްވި އެވެ. ޒުވާނުން އަހުލާގުން ޒީނަތްތެރިވެ ދީނީ އަޅުކަންތައްތަކުގައި ސާބިތުވުމަށް ގޮވާލެއްވި އެވެ. ފިރިން އަބިންނަށް ހެޔޮކޮށް ހިތުމަށާއި ވަފާތެރި ވުމަށް ގޮވާލެއްވި އެވެ. މިގޮތުގެ މަތިން އަންހެންނުންވެސް އަމަލުކުރުމަށް ގޮވާލެއްވި އެވެ.
ހުތުބާއަށް ފަހު އީދު ނަމާދު ނިމިގެން ދިޔައީ ބޮނޑިބަތާއި ޖޫހުގެ ކާފަތަކުންނެވެ. ގިނަ ބަޔަކު ޖާފަތުގައި ބައިވެރިވީއިރު ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް އާންމުންނާ އެކު ޖާފަތުގައި ބައިވެރިވެ އީދު ސަލާމް ކޮށް ހެއްދެވި އެވެ. އެންމެންގެ މޫނު މަތިންވެސް ފެނުނީ އީދުގެ އުފާވެރިކަމެވެ. ނުދަންނަ އެތައް ބަޔަކު ބައްދަލުވެ ރަހުމަތްތެރިވި އެވެ. އެންމެންވެސް ބަދަލުކުރަމުން ދިޔައީ އީދު މުބާރިކުގެ މަރުހަބާގެ ޝުއޫރުތަކެވެ.
މިނިސްޓާ ވިދާޅުވީ ރަސްމީ ޖަމާއަތް އިންތިޒާމު ކުރުމުގެ ހުރިހާ ޝުކުރެއްވެސް ރައްދުވަނީ ޒުވާން ވޮލަންޓިއަރުންނާއި ދީލަތިއެހީތައް ވެދެއްވި ވިޔަފާރިވެރިންނަށް ކަމަށެވެ. އަދި އެ ޝުކުރުގައި ޕޮލިސް، ހޯމް މިނިސްޓްރީ ހިއްސާކުރެއްވި އެވެ.
"މިއީ ޒުވާނުންނާއި، ދީލަތި ވިޔަފާރި ވެރިންގެ ބުރަ މަސައްކަތް، މިކަމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް ހުރިހާ ޝުކުރެއްވެސް ހައްގު، އަޅުގަނޑުގެ އުންމީދަކީ މިކަން ދެން ފަހަރަކުވެސް ތަކުރާރުވެގެން ދިޔުން،"