19 Aug 2012, 04:31
ފައިނަލުގައި ވިކްޓަރީ 1-0 އިން ބަލިކޮށް ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ތަށި އެއްވެސް ބައެއްގެ އަތުގައި ނުޖައްސައި ވެލެންސިއާ މިލްކޮކޮށްފި އެވެ.
ދެ ފަހަރަށް މެދުކަނޑާލަން ޖެހުނު އިއްޔެގެ ފައިނަލް މެޗުގައި ވިކްޓަރީކޮޅަށް ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ވިލްދާނެވެ.
މި މެޗު ފުރަތަމަ މެދުކަނޑާލަން ޖެހުނީ ވިކްޓަރީގެ ކީޕަރު ހަސަން ރަޝީދު (ހަސަނާ) ބޯޅަ ހިފަންއުޅެނިކޮށް އެ ޓީމުގެ ކުޅުންތެރިއަކާއެކު ވެއްޓި އަތްބިންދައިގެން ދިއުމުންނެވެ. އެއިރު 1-0 އިން ކުރީގައި އޮތީ ވެލެންސިއާ އެވެ. މެޗު ދެ ވަނަ ފަހަރަށް މެދުކަނޑާލަން ޖެހުނީ ފަހުހާފުގައި ބޯކޮށް ވާރޭވެހި ދަނޑުގައި ފެންހެދުމުންނެވެ.
2010 ވަނަ އަހަރު ކުލަބުތަކަށް ހުޅުވާލައިގެން ރޯދަ މަހު 35 އަހަރުން މަތީގެ ކުރީގެ ކުޅުންތެރިންނަށް ބާއްވާ މުބާރާތުގެ މި އަހަރުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ ތޮއްޑޫ މުހައްމަދު ނިޒާމެވެ. ވެލެންސިއާ އާއި ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ނިޒާމަކީ މުބާރާތުގެ އެންމެ މޮޅު ފޯވަޑް އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާވެސްމެ އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ވެލެންސިއާގެ ކީޕަރު އަސްލަމް އަބުދުއްރަހީމެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ވެލެންސިއާގެ އަހުމަދު ނާޝިދު(ނާދު) އެވެ. އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާގެ ފަންތޮށި މުހައްމަދު ނާޒިމެވެ. 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިކްޓަރީގެ އަބުދުﷲ މުފީދެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކުއާޓާ ފައިނަލުގައި ވިކްޓަރީ އަތުން ބަލިވި އެމްއެންޑީއެފެވެ.
ފާއިތުވެދިޔަ ދެ އަހަރު ވެލެންސިއާ މި މުބާރާތް ކާމިޔާބުކުރީ ވެސް ފައިނަލުގައި ވިކްޓަރީ ބަލިކޮށްފަ އެވެ. ވެލެންސިއާ ވަނީ ޗެމްޕިއަން ޓީމުތަކަށް ހުޅުވާލައިގެން ބޭއްވި ކަޕް ވިނާސް ކަޕް ވެސް 1998 ވަނަ އަހަރު އެއްވެސް ބައެއްގެ އަތުގައި ނުޖައްސައި މިލްކުކޮށްފަ އެވެ. އަދި އެ ޓީމު ވަނީ ދިވެހި ލީގު ވެސް ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައިފަ އެވެ.