19 Aug 2012, 02:18
ނޭޝަނަލް އިންކްއަރީ ކޮމިޝަން (ކޯނީ) އިން ނެރޭ ރިޕޯޓަށް ފަހު އެމްޑީޕީން އަމަލު ކުރަން ނިންމާފައިވާ ގޮތްތަށް އިންޑިޔާއާ ސްރީލަންކާ އިސް ވެރިންނާއި ހިއްސާ ކުރައްވާފައިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާއަށާއި އިންޑިއާ އަށް އެ މަނިކުފާނު ކުރައްވެވި އަމިއްލަ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭ ގޮތުން އިންޑިޔާއާއި ސްރީލަންކާގެ ސަރުކާރުގެ ވެރިންނާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ މަދު ބަޔަކު ހިންގި ކުށްތަކަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ވަގުތަށް ނޫސްވެރިންދިޔަ ނަމަވެސް އެމަނިކުފާނު މިރޭ އިންޓަވިއު އެއް ދެއްވާފައި ވަނީ ރާއްޖެ ޓީވީއަށް އެކަންޏެވެ.
އެމްޑީޕީ ބުނެފައި ވަނީ ވެރިކަން ބަދަލުވެގެން ދިޔައީ އެއްވެސް ބަޔެއްގެ ކުށެއް ކުރުމެއް ނެތި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް އިންކްއަރީ ކޮމިޝަނުން ކަނޑައަޅައިފި ނަމަ، އެމްޑީޕީ އިން ހުށަހަޅަނީ ގާނޫނު އަސާސީގައިވާ ގޮތަށް އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ. އަދި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަަށް ކަމަށް ކަނޑައަޅައިފި ނަމަ ވެރިކަން އެމްޑީޕީއަށް އަނބުރާ އިޔާދަ ކުރަން ޖެހޭނެ ކަމަށެވެ.
ވެރިކަން ބަދަލުވި ފަހުން ރާއްޖެ އިން ބޭރަށް ރައީސް ނަޝީދު ކުރެއްވި އަމިއްލަ ފުރަތަމަ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތީ މިރޭގެ 1:15 އެހާކަންހާއިރު އެވެ. މިދިޔަބ ބުދަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް މިރޭ މާލެވަޑައިގެން ވަގުތު ހަތަރު ނަންބަރު ފާލަން ކައިރި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ.