ގދ. ފިޔޯރީއަށް މިއަދު މެންދުރު ނަގޫރޯޅިއެއް އަރައި ދެ ގެއްގެ ފުރާޅު އެއްލައިލައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ މި ރޭ އެރަށަށް މިއަދު ގަދައަށް ވިއްސާރަވެ ވައިގަދަވި ކަމަށާއި މެންދުރެއްހާއިރު ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ދެ ގެއެއްގެ ފުރާޅު އެއްލާލުމުގެ އިތުރުން ގިނައަދަދެއްގެ ގަސް ވެއްޓުނު ކަމަށެވެ.

"މިއަދު ވަރަށް ވިއްސާރަ އަދި ވައިވެސް ގަދަވި. މެންދުރު އެންމެ ގަދައަށް ވައި ޖެހުނު ގަޑީގައި ނަގޫރޯޅި އެރީ. ރޯޅީގައި ދެގެއެއްގެ ފުރާޅު އެއްލާލުމުގެ އިތުރުން ގިނަ އަދެއްގެ ގަސް ވެއްޓުނު. ފަޅުތެރޭގައި އޮތް ދޯންނަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުން ލިބުނު،" މުހައްމަދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފުރާޅު އެއްލާލި ދެގޭގެ މީހުންނަށް ވެސް ކައުންސިލްގެ އިދާރާއާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ވަގުތީ ގޮތުން ދިރިއުޅެވޭނެ ގޮތް މިހާރު ހަދާދީފައިވާ ކަމަށެވެ.

މިއަދުކުރި ވިއްސާރައި ފިޔޯރީ މަގުތަކުގައި ފެން ވެސް ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ގޭގެއަށް ފެންވަދެފައެއް ނުވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެ އިދާރާ އިން ބުނީ ރާއްޖޭގެ އިރު އުތުރުން ގާތްގަނޑަކަށް 300 މޭލެ ދުރުމިނުގައި މިއަދު ކޮޅިގަނޑެއް އުފެދިފައި ކަމަށާއި ލަފާކުރެވޭ ގޮތުގައި މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށެވެ. މިހާރު ހިނގަމުން ދަނީ މާ ނަކެތެވެ.