"އެގްޒޮޓިކް އެންޓަޕްރައިސަސް" ކުންފުނީގެ ހިއްސާދާރަށް ހުރިއިރު، އެ ކުންފުނިން ގާނޫނާ ޚިލާފު އެއްވެސް މުއާމަލާތެއް ހިންގާފައި ނޯންނާނެކަމުގެ ޔަގީންކަން ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން ރޭ ވިދާޅުވެއްޖެއެވެ.

ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ، މެންބަރު ސިރުހާންއަށް ދީފައިވާކަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހާމަކުރި ރިޕޯޓަކުން ހާމަވެފައެވެ.

އެކަމާ ގުޅިގެން ސިރުހާން ނެރުއްވި ބަޔާނުގައި ވަނީ، "އެގްޒޮޓިކް އެންޓަޕްރައިސަސް"އާ ގުޅުނުއިރު ވެސް އެ ކުންފުންޏަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެެވެ.

އެކަމަކު، އެ ކުންފުންޏާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ، ސިޔާސީ މަސައްކަތަށް ވަގުތު ހުސްކުރުމަށް އެގްޒޮޓިކް އެންޓަޕްރައިސަސް ހިމެނޭހެން މެންބަރު ހިއްސާވާ ކުންފުނިތަކުގެ ރަޖިސްޓްރީ ދޫކޮށްލާފައިވާނެ ކަމަށް ސިރުހާން ވިދާޅުވިއެވެ.

އެ ކުންފުނީގެ ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ޚިލާފަށް އެ ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައި ނޯންނާނެކަމުގެ ޔަގީންކަން މެންބަރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މީގެ އިތުރަށް، ކުންފުނީގައި އޮތް ހިއްސާ ބަދަލުކުރެވުނީ އެ ކުންފުނީގެ އޮޑިޓެއް ހެދުމަށް ފަހުގައި ކަމަށާއި ކަސްޓަމްސް ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފުސީލު ސާފުކޮށް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެންނެވުނު އޮޑިޓުން ވެސް އެހާތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައިނުވާކަން ސާފުވާނެ. އެހެންކަމުން ސިނގިރޭޓު ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާ އަޅުގަނޑަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް،މެންބަރު މުހައްމަދު ސިރުހާން

ސިރުހާން އިތުރަށް ބަޔާނުގައި ވިދާޅުވީ، ކުންފުނީގެ ހިއްސާ ދޫކޮށްލި ފަހުން އެ ކުންފުނިން ގޯސް ކަމެއް ކޮށްފައިވާނަމަ، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމަކާ ގުޅުވަން ބަޔަކު މަސައްކަތް ކުރާނަމަ އެއީ ސިޔާސީ ގޮތުން ބަލިކަށި ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ސިރުހާން ވިދާޅުވީ، ކޮމިޓީން ކުރި ތަހުގީގުން އެކަމަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަން ހާމަވާނެ ކަމަށެވެ. އަދި، އެއްވެސް އަސާސެއް ނެތި، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކަށް ތުހުމަތު ކުރެވިދާނެ ފަދަ ގޮތަކަށް ރިޕޯޓުގައި އޮތް ނަމަ އިސްލާހު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ސިރުހާނަށް ކޮމިޓީ ރިޕޯޓުގައި ކުރާ ތުހުމަތު ދޮގުކުރެއްވިއިރު، އެ ރިޕޯޓުގައި ވަނީ ޑިސެންބަރު ތިނެއް، 2023 ގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ ދެ މީހަކު ކަމަށެވެ.

އެކަމަކު، އޭގެ ފަހުން ޑިސެމްބަރު ނުވައެއް، 2023 ގައި ސިނގިރޭޓު ޝިޕްމަންޓު އެތެރެކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި ސިރުހާނެވެ.

އޭރު ސިރުހާނަކީ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ މެންބަރު ކަމަށް އިންތިޚާބުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.