18 Aug 2012, 20:59
ސިފައިންގެ ޓްރެއިނިން ރަށެއްގެ ގޮތުގައި ބޭނުންކުރާ، ކ. ތަނބުރުދޫ ރިސޯޓެއްގެ ގޮތުގައި ޑިވެލޮޕް ކުރުމަށް ސިންގަޕޫރުގެ ޓެލޮސް އިންވެސްޓްމަންޓަށް، ރަށް ވިއްކާލަން އެއްބަސްވެފައިވަނީ 14 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 215.6 މިލިއަން ރުފިޔާއަށް) ކަމަށް ސަން އޮންލައިން އަށް ކަށަވަރުވެއްޖެ އެވެ.
ސަން އޮންލައިންއާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށް ވިއްކާލުމަށް ސިފައިންގެ ވިޔަފާރި ކުންފުނި ހުށަހެޅީ 14 މިލިއަން ޑޮލަރު ކަމަށާއި އެ އަގަށް އެ ރަށް 50 އަހަރަށް ގަތުމަށް ޓެލޮސް އިންވެސްމަންޓުން އެއްބަސްވެފައިވާ ކަމަށެވެ.
"އެއީ ރެކޯޑް އަގެއް ކަމަށް ބުނެވިދާނެ، ރިސޯޓެއް ހަދަން މި ފަހުން އެ އަގުގައި ރަށެއް ދިންކަން އެނގިފައެއް ނުވޭ. އަދި ކޮންޓްރެކްޓުގައި ސޮއެއް ނުކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓާ މުހަންމަދު ނާޒިމް ވެސް ސަން އޮންލައިން އަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އެ ރަށް ރިސޯޓު ހަދަން ކުއްޔަށްދެނީ ރިކޯޑު އަގަގަށް ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް ނާޒިމް އެދުވަހު ވިދާޅެއްނުވި އެވެ. އަދި ވިދާޅުވެފައިވަނީ އެ ރަށް ހަވާލުކުރަނީ އެމްއެންޑީއެފްގެ ކުންފުންޏަށް އަޕްފްރަންޓްގެ ގޮތުގައި ލިބޭ ފީއާއެކު ރޯޔަލްޓީ ވެސް ލިބޭގޮތަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރިސޯޓެއް ހަދަން ފަޅުރަށެއް އެވްރެޖްކޮށް ބޭރުގެ އިންވެސްޓަރަކަށް ވިއްކާލާފައި 10 މިލިއަން ޑޮލަރަށެވެ.
ތަނބުރުދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުންނެވެ. އެ ރަށް ހަވާލުކުރާ ޓެލޮސް އިންވެސްޓްމަންޓަކީ ސިންގަޕޫރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ލީ މިލާ، އަށް ނިސްބަތްވާ ކުންފުންޏެކެވެ.
އެ ކުންފުނީގެ ވެބްސައިޓުން ދޭހަވާ ގޮތުން އެ ކުންފުނިން އަންނަނީ ރާއްޖޭގައި ފަސް ރިސޯޓް ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެ ޕްރޮޖެކްޓްތައް އެ ކުންފުންޏަށް އެވޯޑު ކޮށްފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ (ސީއެސްއާރު) ގެ ކޮމްޕޯނެންޓުގެ ދަށުންނެވެ. ލީ- މިލާއަކީ މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ސީނިއާ އެޑްވައިޒަރެއް ކަމަށް އިންޓަނެޓްގައިވާ އޭނާގެ ޕްރޮފައިލްއިން އެނގެ އެވެ.