27 Oct 2025, 22:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. ދިއްދޫއަށް ވަޑައިގަތީ ކްރިމިނަލް ކޯޓަށް އަންގަވައިފައި ކަމަށާއި، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދު ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު 14:30 އަށެވެ.
ދިއްދޫގައި އޮތް 'ތިލައުތުރު އެވޯޑް 2025' ޝަރަފުވެރި ކޮށްދެއްވުމަށް ޔާމީން އެ ރަށަށް ވަޑައިގަތީ މިއަދު ހަވީރެވެ.
ކްރިމިނަލް ކޯޓުން ބުނީ، ޔާމީން ދިއްދޫއަށް ވަޑައިގަތީ މިއަދަށް އަޑުއެހުން ތާވަލުކޮށްފައި އޮއްވައި ކޯޓުން ހުއްދަ ނެގުމަކާނުލައި ކަމަށާއި އެހެންވެ ފިޔަވަޅު އެޅިދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެޔާމީން ދިއްދޫއަށް ދިޔައީ ކޯޓަށް އަންގައި، އަޑުއެހުން ކެންސަލް ކޮށްދޭން އެދިފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް
ކޯޓުން އެ އިންޒާރު ދިނުމާ ގުޅިގެން އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވަނީ، އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް އެދި ޔާމީނަށް ދައުވަތު ލިބިވަޑައިގަތީ، ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމަށާއި ޚުލާސާކޮށް ވާހަކަދެއްކުމަށް އިއްޔެއަށް އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ކަމަށެވެ.
އޭރު ނިންމާފައި އޮތީ، އިއްޔެ އޮތް އަޑުއެހުން ނިންމައި، ޖަލްސާއަށް ފުރާވަޑައިގަތުމަށް ކަމަށް އެބަޔާނުގައިވެއެވެ. އެހެންވެ، މިމަހު 20ގައި ވައިގެ މަގުން ހދ. ހަނިމާދުއަށް ވަޑައިގަތުމަށް ޔާމީން ޓިކެޓު ނެންގެވި ކަމަށް ވަކީލުން ވިދާޅުވެއެވެ. ނަމަވެސް އިއްޔެއަށް ތާވަލުކޮށްފައި އޮތް އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ކެންސަލްކޮށްފައިވާކަން ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމަ އެ ދުވަހު، މިއަދުން ފެށިގެން ބުދަ ދުވަހަށް ރަސްމީ ދަތުރުފުޅެއްގައި ރަށުން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ކޯޓުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އެ ދުވަސްތަކުގައި އިތުރު އަޑުއެހުމެއް ނުބާއްވަން އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ވަކީލުން ވިދާޅުވި ގޮތުގައި، މިއަދަށް އަޑުއެހުމެއް ތާވާލުކުރިކަން އަންގަން ކޯޓު އަމުރު ފޮނުވީ މިދިޔަ ހޮނިހިރު ދުވަހެވެ. ޔާމީން ދިއްދުއަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމަށް ވެސް ހަމަޖެހިފައި އޮތީ އަޑުއެހުން ފަށާ ގަޑި 14:30ގައެވެ.

ކުރީގެ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު: ޔާމީން ދިއްދޫއަށް ދިޔައީ ކޯޓަށް އަންގައި، އަޑުއެހުން ކެންސަލް ކޮށްދޭން އެދިފައި ކަމަށް ވަކީލުން ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް
ކޯޓު އަމުރު ލިބުމާ އެކު، އަޑުއެހުން ކެންސަލްކޮށް ދިނުމަށް އެދި ވަކީލުންގެ ފަރާތުން [ޖަލްސާއަށް ދާން] ލިބިފައިވާ ދައުވަތާއި ނަގާފައިވާ ޓިކެޓުގެ ކޮޕީއާއެކު، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައިންޔާމީންގެ ވަކީލުން
އެކަމަކު، އަޑުއެހުން ކެންސަލްކޮށްދެވެން ނެތް ކަމަށާއި ތާވާލުކޮށްފައިވާ ގަޑީގައި އަޑުއެހުން އޮންނާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ވަކީލުންގެ ބަޔާނުގައިވާ ގޮތުން، މިއަދުގެ އަޑުއެހުމަށް ހާޒިރުވާން ހަމަޖެހިފައި އޮތީ، ތިން ވަކީލުން ހިމެނޭ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޙަމްޒާ ލަތީފެވެ.
އެގޮތުން، އެ ވަކީލު ބައިވެރިވި އަޑުއެހުން ކޯޓުގައި ކުރިއަށް ދަނިކޮށް 13:55ގައި ކަރަންޓު ކެނޑުނު ކަމަށް ބަޔާނުގައިވެއެވެ. އަދި، ކޯޓަށް ކަރަންޓު ލިބުނީ، 15:00ގައި ކަމަށާއި ހަނިމާދޫއިން އޮންލައިންކޮށް، ޝަރީއަތުގައި ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށް ވަކީލުން ވިދާޅުވެއެވެ.
ކަން އެހެން އޮއްވައި، މިއަދުގެ އަޑުއެހުން ކެންސަލް ކުރީ 15:05ގައިކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިއީ ހައިކޯޓުގެ ހުކުމާ އެކު މިނިވަންވެވަޑައިގެން ފަހުން ޔާމީން މި ފަދަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމާ އެކު އެ މަނިކުފާނު މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ.
އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމް ކުރީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، މަނީ ލޯންޑާކުރިކަމުގެ ދައުވާ ސާބިތުވުމުންނެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
އެ މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މަނިކުފާނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.