ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސަކަށް، އެ ކޮމިޝަނަށް ދެވަނަ ދައުރަކަށް އައްޔަނުކުރި ޝުއައިބު އަބްދުއްރަޙުމާން އައްޔަނުކުރައްވައިފިއެވެ.

ޝުއައިބު އެ މަގާމަށް އައްޔަނުކުރެއްވީ، އިއްޔެ އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ގާސިމް ޢަބްދުލް ކަރީމްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ގާސިމްގެ އިތުރަށް ތިން މެންބަރުންގެ ދައުރު ވެސް އިއްޔެއަށް ވަނީ ހަމަވެފައެވެ. އެއީ، ނައިބު ރައީސް ޢާޝިޔަތު ޝިޢުނާއާއި ޝުޢައިބާއި މެންބަރު އައިމިނަތު ޝާދިޔާއެވެ.

އޭގެފަހުން، ރައީސް ވަނީ ޝުއައިބު ހިމެނޭހެން އިތުރު ހަތަރު މެންބަރުން އެންއައިސީއަށް އިއްޔެ އައްޔަނުކުރައްވައިފައެވެ.

އެއީ، ޝިފާޒު އަލީއާއި އަލީ މުޙައްމަދު މަނިކުގެ އިތުރަށް ފާތިމަތު ޝަރީފެވެ. ކޮމިޝަންގައި ދެން އިންނަވަނީ މަރްޔަމް އިންޝާ ފައިސަލެވެ. އޭނާ އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް މުއިއްޒު، އެންއައިސީގެ ރައީސަކަށް ޝުއައިބު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އެއީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.