ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. ދިއްދުއަށް ވަޑައިގަތީ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ ކްރިމިނަލް ކޯޓުން ހުއްދަ ނެގުމަކައިނުލާ ކަމަށާއި އެހެންވެ ފިޔަވަޅު އެޅިދާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދު ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު 14:30 އަށެވެ.

އެކަމަކު، ހއ. އަތޮޅުގެ ''ތިލައުތުރު އެވޯޑް 2025'' ޝަރަފުވެރިކޮށްދެއްވުމަށް ޔާމީން ވަނީ ދިއްދުއަށް ވަޑައިގެންފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުމެއް ޔާމީންގެ ފަރާތްޕުޅުން ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އަދި، މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމާއި މައްސަލަ ތާވަލުކޮށްފައި އޮއްވާ ކޯޓުގެ ހުއްދަ ނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވަނީ ދިއްދުއަށް ވަޑައިގެންފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ކަމާ ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ސުވާލުކުރުމުން ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅުން އަބަދު ވެސް ކޯޓުތަކަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ. އަދި، މި ކަމުގައި އަމަލުކޮށްފައިވާނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، މަނީ ލޯންޑާކުރިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް މީގެ ކުރިން ދަށު ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

އެ މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މަނިކުފާނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފުން މީގެ ކުރިން ބުނީ ތިލައުތުރު އެވޯޑް ޝަރަފުވެރިކޮށްދެއްވަން މިއަދު ދިއްދުއަށް ވަަޑައިގެންނެވުމަށް ފަހު، ހަފުލާ ނިމުމުން އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ހައިކޯޓުގެ ހުކުމާ އެކު މިނިވަންވެވަޑައިގެން ފަހުން ޔާމީން މި ފަދަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމާ އެކު އެ މަނިކުފާނު މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ.