18 Aug 2012, 20:15
ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ކަން ހިނާގައިދިޔަ ގޮތް ހާމަކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރިޕޯޓެއް ނެރުމުން ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން އިތުރަށް ނެރޭ ރިޕޯޓަކީ ބުރަދަނެއް ހުރި ރިޕޯޓަކަށް ނުވާނެ ކަމަށް ޕީޕީއެމް ބުނެފި އެވެ.
ޕީޕީއެމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރެ އާއި ހަތް ވަނަ ދުވަހު މާލޭގައި ހިނގާދިޔަ ކަންތައްތަކާގުޅޭ ގޮތުން އެޗްއާރްސީއެމުން ނެރުނު ރިޕޯޓަކީ ހަގީގަތާ އެއްގޮތައް ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ.
އެޗްއާރުސީމް އިން އަދި އާންމު ނުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައި ރިޕޯޓް މިއަދު ޕީޕީއެމް އިން ވަނީ ލީކްކޮށްލާފަ އެވެ.
"މީގެ ފަހުން ދެން ނުކުންނަ އެހެން ރިޕޯޓެގައި އަދި އެހެން ގޮތަކަށް އޮތް ކަމުގައި ވިއަސް އެއީ އެއްވެސް ބުރަދަނެއް ހުރި ރިޕޯޓަށްކަށް ނުވާނެ. ސަބަބަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން މިފަދަ މިފަދަ ރިޕޯޓްތައް، މި ފަދަ ކަންތައްތައް ތަހްގީގުކޮށް ބެލުމުގެ ގާނޫނީ ބާރު ލިބިފައިވާ ބޮޑީއެއް ހިއުމަން ރައިޓްސް ކޮމިޝަނަކީ،" އުމަރު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ސިޔާސީ ގޮތުން ހަލަ ބޮލި ދަނޑިވަޅެއްއްގައި އެޗްއާރުސީއެމް އިން ހަގީގަތާއި އެއްގޮތައް ރިޕޯޓެއް ނެރުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ހިތް ހަމަ ޖެހިއްޖެ މިހާ ފުރިހަމައަށް ތަހުގީގު ކުރައްވާ މިހާ އުނދަގޫ ގަޑިއެއްގައި މި ކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ސާބިތު ކަމާއެކު ހާމަ ކުރެއްވީތީ،" އޭނާ ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގަރާރަކުން އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަން ވެސް ނެރޭނީ އެޗްއާރްސީއެމް އިން ނެރުނު ފަދަ ރިޕޯޓެއް ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ކޯނީގެ ރިޕޯޓް ވެސް ނެރޭނީ ހަމަ މި މޭރުމުން ކަމަށް،" ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގައިދިޔަ ހަމަ ނުޖެހުންތަކުގައި ހިނގާދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ގުޅޭގޮތުން އެޗްއާރްސީއެމް އިން ނެރުނު ރިޕޯޓަށް އިޝާރާތްކުރައްވާ އުމަރު ވިދާޅުވި އެވެ. އެޗްއާރުސީއެމްގެ ރިޕޯޓުން ކުރީގެ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މަޖޫބޫރު ހަލަތެއްގައި ނޫންކަން ސިފަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު މިގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް އެޗްއާރްސީއެމުން ބުނެފައި ވަނީ ވެރިކަން ބަދަލުވި ގޮތް އެކޮމިޝަނުން ބަލާފައި ނުވާނެ ކަމަށާއި އެކޮމިޝަނުން ބެލީ ފެބްރުއަރީ ހަވަނަ ދުވަހުގެ ރެއާއި ހަތް ވަނަ ދުވަހު ހިނގާފައިވާ ހާދިސާތަކުގައި ހިމެނޭ އިންސާނިއްޔަތާ ހިލާފު ކަންކަން ކަމަށެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން ރައީސް ވަހީދު އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހެވެ. އެ ރިޕޯޓްގައި ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ބުނާނަމަ އެ ރިޕޯޓް ގަބޫލު ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބދްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.