ގުޅިފައިވާ ވަކި ދެ ރަށެއްގައި އުފައްދާނީ އެންމެ ރަށު ކައުންސިލެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ މާއްދާ އުވާލުމުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރެވޭ ވަރަށް މަގު ސާފުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ލާމަރުކަޒީ ގާނޫނުގައި "ރަށްތަކެއް އިދާރީ ގޮތުން އެއްކޮށްލުން" ބަޔާންކުރާ 136 ވަނަ މާއްދާގެ (ށ) ރައްޔިތުންގެ މަޖިލީހުން އުވައިލުމަށް ފާސްކުރީ އިއްޔެ އެވެ.  މި މާއްދާ އުވާލާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިރު އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ސިޓީ ކައުންސިލެއް ގާއިމުކޮށްފައި ނުވާ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލަކުން ކަމަށް 21 ވަނަ މާއްދާގައި ބުނާތީ، އެ ދެ މާއްދާ އާ 136 ވަނަ މާއްދާއާ ތައާރުޒުވާތީ އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮކްޓޫބަރު މަހު ބާއްވާން ބެލި އިރު ދެ ދައްޗެއްގެ ސަބަބުން މަގު ބެދޭ ގޮތްވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން، އިއްޔެ ގުޅިފައިވާ ވަކި ދެ ރަށުގައި އުފައްދާނީ އެންމެ ރަށުކައުންސިލެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ މާއްދާ އުވާލުމުން، އިންތިހާބު ބޭއްވުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ސުވާލަށް ޖަވާބެއް ލިބުނީ ކަމަށެވެ.


ފުއާދު ވިދާޅުވީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ މަގު ސާފުވުމުން ސ. މަރަދޫފޭދޫ އާއި މަރަދޫ، އަދި ހުޅުދޫ އާއި މީދޫ އާއި  ގދ. ފަރެހާއި މާތޮޑާ ފަދަ ރަށްރަށުގައި ކައުންސިލް ހަދާނެ ގޮތް މުޅިން ސާފުވެގެން ދިޔައީ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިންތިހާބު ބޭއްވުމުގެ ތާރީހު އިއުލާނު ކުރުމަށް މިހާރު އޮތް ހުރަހަކީ މީހުން އުޅޭ ރަށްތަކާއި އެ ރަށްރަށުއި ދިރިއުޅޭ މީހުންގެ ރަސްމީ ރަޖިސްޓްރީއަކީ ކޮބައިކަން ސަރުކާރުން ގެޒެޓްކޮށްފައި ނެތުން ކަމަށެވެ. އަވަހަށް އެކަމަށް ގޮތެއް ކަނޑައެޅުމަށް ރައީސްލްޖުމްހޫރިއްޔާގެ އޮފީހުން މަސައްކަތް ފަށާފައިވާ ކަމަށާއި ދެން މާލަސްވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މީހުން ދިރިއުޅޭ ރަށްތައް ކަމަށް ސަރުކާރުން ނިންމާ ރަށްތައް ގެޒެޓް ކުރަނީ ކޮން އިރަކުތޯ ސާފު ކުރުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓެރީ މުހައްމަދު ޒުހައިރުއާ ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.