27 Oct 2025, 13:57
ރާއްޖެއަށް އެތެރެކުރާ ދުންފަތުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލުކުރަމުންދާ ޒުވާނުންގެ އަދަދު މަދުވާ މަންޒަރު ނުފެންނަ ކަމަށާއި ފެންނަނީ ދުންފަތާ ގުޅުން ހުރި ވައްކަންތަކާއި ކުށްތައް ގިނަވާ މަންޒަރު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އައިޝަތު އަލީ 'ފޭސްބުކް'ގައި މިފަދައިން ލިޔުއްވާފައިވަނީ ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރި ފަހުން ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެކުރާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ އިމްޕޯޓު ޑިއުޓީ ވެސް ނުލިބި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން ވަގު ސިނގިރޭޓާއި ވޭޕް އެތެރެކުރުން އިތުރުވިކަމަށް ނާޒިމް ވިދާޅުވި ވާހަކައާ ގުޅިގެން އައިޝަތު އަލީ ލިޔުއްވި ގޮތުގައި ދުންފަތުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްސަކޮށް ޒުވާނުންނަށްވީ ފައިދާތޯ ނުވަތަ ގެއްލުންތޯ ދެނެގަތުމަށް ދިރާސާކުރުން މުހިންމެވެ.
އޭނާ ލިޔުއްވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރަމުންދާ ޒުވާނުން އެ އަމަލު ހުއްޓާލުމުގެ ބަދަލުގައި ފެންނަނީ ޒުވާނުންނަށް ވަޒީފާއިން ލިބޭ މުސާރަ އެއްކޮށް ދުންފަތަށް ޚަރަދުކުރާ މަންޒަރެވެ.
"ފެންނަނީ އަގު ހެޔޮކޮށް ވިއްކާ އެކި ޒާތްޒާތުގެ ހަށިގަނޑަށް ގެއްލުން ހުރި ދުންފަތުގެ ބާވަތްތައް ރަށުތެރޭ ގިނަވާތަން، ފެންނަނީ ދުންފަތާ ގުޅުންހުރި ވައްކަންތަކާއި އެހެނިހެން ކުށްތައް ގިނަވާތަން،" އައިޝަތު އަލީ ލިޔުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކަސްޓަމްސްގެ މައްސަލަތައް ބަލައި ތަޅުމަށް ރިޕޯޓު ހުށަހެޅުވުމަށް ފަހު, އެ ރިޕޯޓު އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކުރެއްވި ނާޒިމް ވިދާޅުވީ، ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރި ފަހުން ދައުލަތުން ލަފާކުރި ވަރަށް އިމްޕޯޓް ޑިއުޓީ ނުވަންނަ ކަމަށެވެ.
"ސަބަބަކީ ސިނގިރޭޓު އަޅުގަނޑުމެން މަނާކުރީ ވަރަށް ހެޔޮ ނިޔަތެއްގައި، އެހެން ނަމަވެސް ވަގަށް ސިނގިރޭޓު އެތެރެކުރެވިގެން ވަގު ސިނގިރޭޓު ގިނަ ރަނގަޅު ގޮތުގައި ޑިއުޓީ ދައްކައިގެން އެތެރެކުރެވޭ ސިނގިރޭޓަށްވުރެ. ވޭޕް ކަންތައްވެސް އޮތީ އެހެން. ވޭޕް ވެސް ވިއްކާ ސޯޝަލް މީޑިއާ ގްރޫޕުތައް ވެސް އެބަހުރި،" އިމްޕޯޓު ޑިއުޓީ ނުލިބޭ ސަބަބު ހާމަކުރައްވައި ނާޒިމް ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއާއި ޓެކްސް ފައިސާ ލިބެނީ އެހެން ބަޔަކަށް ކަމަށް ވިދާޅުވެ، ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް ވަނީ އުފުލިފައެވެ.
އެކަމަކު، އެ ބަދަލާ އެކު ބާޒާރުގައި ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އިތުރުވެފައެވެ. އެގޮތަށް ގެންނަ ބައެއް ޝިޕްމަންޓް އަތުލައި ވެސް ގަނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓު ހެދިއިރު އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް ނުލިބޭކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެއެވެ.
ސަރުކާރުން ހިސާބު ޖެހީ މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ، އަންދާޒާކުރި އަދަދުގެ 47 އިންސައްތައެވެ. އެހެންވެ، އަހަރު ނިމެން ދެ މަހަށްވީއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާގެ 50 އިންސައްތައަށް ވެސް ނާރައެވެ.
އެއީ ވަރަށް ބޮޑު ދަށްވުމެކެވެ. މިދިޔަ އަހަރުގެ ނަންބަރުތަކާ އަޅާބަލާނަމަ، އެއީ 238 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.