އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރި ފަހުން ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެކުރާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިމްޕޯޓު ޑިއުޓީ ވެސް ނުލިބި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކަސްޓަމްސްގެ މައްސަލަތައް ބަލައި ތަޅުމަށް ރިޕޯޓު ހުށަހެޅުވުމަށް ފަހު, އެ ރިޕޯޓު އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކުރެއްވި ނާޒިމް، ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް ސަރުކާރުން މަނާކުރި ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށެވެ. އެކަމަކު، އެ ސިޔާސަތަށް ފަހު ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަބަބަކީ ސިނގިރޭޓު އަޅުގަނޑުމެން މަނާކުރީ ވަރަށް ހެޔޮ ނިޔަތެއްގައި، އެހެން ނަމަވެސް ވަގަށް ސިނގިރޭޓު އެތެރެކުރެވިގެން ވަގު ސިނގިރޭޓު ގިނަ ރަނގަޅު ގޮތުގައި ޑިއުޓީ ދައްކައިގެން އެތެރެކުރެވޭ ސިނގިރޭޓަށްވުރެ. ވޭޕް ކަންތައްވެސް އޮތީ އެހެން. ވޭޕް ވެސް ވިއްކާ ސޯޝަލް މީޑިއާ ގްރޫޕުތައް ވެސް އެބަހުރި،" އިމްޕޯޓު ޑިއުޓީ ނުލިބޭ ސަބަބު ހާމަކުރައްވައި ނާޒިމް ވިދާޅުވިއެވެ.

މާނައަކީ ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެވަނީ ކަސްޓަމްގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު ނާޒިމް ވަނީ ކޮމިޓީ ރިޕޯޓުގައި ކަސްޓަމްސްއަށް ހުށަހެޅި ބައެއް ހުށަހެޅުންތަކަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ކޮމިޓީން ކަސްޓަމްސްއަށް ހުށަހަޅާފައިވަނީ:

  • ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް، މަސައްކަތް ކުރަން ރާވާފައިވާ ގޮތާއި ނިމޭނެ މުއްދަތު ހިމަނައި ކޮމިޓީއަށް އެންގުމަށް

  • ރިޕޯޓުގައި ފާހަގަކުރި މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް
  • ކަސްޓަމްސްގެ މުވައްޒަފުންނާއި އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު އިސްލާހުކުރުމަށް

"ސަބަބަކީ މިއީ އަޅުގަނޑުމެންގެ ދައުލަތަށް ލިބޭ އާމްދަނީއާ ސީދާ ގުޅުންހުރި ކަމެއް މިކަމަކީ، ދައުލަތަށް ލިބޭ އާމްދަނީއާއި ޓެކްސް ފައިސާ ނުލިބި އެހެން ބަޔަކަށް ލިބިގެން މި ދަނީ،" މައްސަލައަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި، ނަމަވެސް ވަގަށް ނަގާފައިވާ 13 މިލިއަން ސިނގިރޭޓު ހިމެނޭ ކޮންޓެއިނަރުތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 128 މިލިއަން ރުފިޔާވެސް ނުލިބޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް ވަނީ އުފުލިފައެވެ.

އެކަމަކު، އެ ބަދަލާ އެކު ބާޒާރުގައި ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އިތުރުވެފައެވެ. އެގޮތަށް ގެންނަ ބައެއް ޝިޕްމަންޓް އަތުލައި ވެސް ގަނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓު ހެދިއިރު އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް ނުލިބޭކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެއެވެ.

ސަރުކާރުން ހިސާބު ޖެހީ މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ، އަންދާޒާކުރި އަދަދުގެ 47 އިންސައްތައެވެ. އެހެންވެ، އަހަރު ނިމެން ދެ މަހަށްވީއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާގެ 50 އިންސައްތައަށް ވެސް ނާރައެވެ.

އެއީ ވަރަށް ބޮޑު ދަށްވުމެކެވެ. މިދިޔަ އަހަރުގެ ނަންބަރުތަކާ އަޅާބަލާނަމަ، އެއީ 238 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.