ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަންކުރަން މިއަދު ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ހުސްނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރަން ހުށަހެޅީ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރުކަމަށް، މަޖިލިސް މެންބަރެއްގެ ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލިއިރު، ހުށަހެޅީ ހުސްނީގެ ނަން އެކަންޏެވެ. ހުސްނީގެ ނަން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 58 މެންބަރުން ވެސް އިއްތިފާގުވީ ޖޭއެސްސީއަށް ހުސްނީ އައްޔަންކުރުމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައެވެ. ނިޔާޒް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުޙައްމަދު ވަނީ އެ މަގާމަށް އިންތިޚާބުކޮށްފައެވެ.

ޖޭއެސްސީގެ ރައީސްކަމުގައި އެއް އަހަރާއި ހަތަރު މަހެއްހާ ދުވަސް ހޭދަކުރެއްވި ރިޒާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. ވަކިން ޚާއްސަކޮށް، ރިޒާ އިސްވެ ހުންނަވައިގެން މި އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފެށުމާއެކު އެ ތަނުން އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ. އަނެއް ދެ ފަނޑިޔާރުން ވަކިކުރީ މަޖިލީހުންނެވެ.

އެއީ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދެވެ.

މަޖިލީހުން މިއަދު ޖޭއެސްސީގެ ރައީސްކަމަށް ހުށަހެޅި ހުސްނީ މުބާރިކަކީ ޖުޑިޝަރީ ކޮމިޓީގެ، ޕީއެންސީއަށް ނިސްބަތްވާ މުގައްރިރެވެ. އަދި އޭނާއަކީ ވެސް ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.