ފިތުރު އީދު ދުވަހު ސިޔާސީ ވާދަވެރި ކަމާއި އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތާއި އެއްބަނޑު އެއްބަފާ ކަމުގެ ރޫހު ކުރިޔަށް ނެރުމަށް ރައީސްލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަށް ނެރުއްވި ބަޔާނެއްގަ އެވެ. އޭގައި ވިދާޅުވެފައި ވެއެވެ: "މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިމިވާ ސިޔާސީ ވާދަވެރިކަމުގައި ވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ރޫޙު ކުރިއަށް ނެރުމަކީ ހުރިހާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް ކަމަށް މި ފުރުޞަތުގައި ވެސް އަޅުގަނޑު ދެކެމެވެ."

ރައީސް ވިދާޅުވެފައި ވަނީ ފިޠުރު ޢީދު އައުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް މަތިވެރި އުފަލެއް ކަމަށާއި ފިޠުރު ޢީދު ދުވަހަކީ، ހެޔޮ އެދުމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަސް ކަމަށެވެ.

އީދު ދުވަހަކީ ނިކަމެތިންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިކަން ފޯރުވައިދިނުމުގެ ދުވަހެއް ކަމަށާއި ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމް ކަނޑައެޅުމުގެ މުނާސަބަތެއް ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ފޮނުއްވާފަ އެވެ.