ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަން( ކޯނީ)ގެ ރިޕޯޓް ނެރުމުން ފިޔަވަޅުތައް އަޅަން ޖެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރުމާ އެކު އަމަލުކުރަން ޖެހޭ ގޮތުގެ ދެ ޑޮކިއުމެންޓެއްގައި ކޮމަންވެލްތާ އެކު ސަރުކާރާއި އަދި ކޮމަންވެލްތާ އެކު އެމްޑީޕީގެ ފަރާތުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ޑޮކިއުމެންޓްގައި ވަނީ ރިޕޯޓް ނިމޭގޮތުން ރިޕޯޓް ރައްދުވާ ފަރާތްތަކުން މަސައްކަތްކުރަން ޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެ ޑޮކިއުމެންޓުގައި ވެސް ވަނީ މި [ރިޕޯޓް] ނިމޭގޮތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ރިޕޯޓް ރައްދުވާ ފަރާތްތަކުން މަސައްކަތްކުރައްވާނެ ކަމަށް. ރިޕޯޓް ހުށައެޅޭނެ ޕްރޮސިކުއުޓާ ޖެނެރަލަށް، ރައީސުލްޖުމުހުރިއްޔާ އަށް ވެސް، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ވެސް އެހެންވީމާ މި ބޭފުޅުން އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ. އަދި އަޅުގަނޑު ވެސް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ޑޮކިއުމެންޓްގައި އެޖަމާއަތުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޕެޝަލް އެންވޯއީ ސާ ޑޮން މެކިނަން އެވެ. އެމްޑީޕީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ރައީސް ނަޝީދެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންބޭފުޅެއްކަމެއް ސާފެއް ނުވެ އެވެ.

ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން އެމްޑީޕީގެ ފަރާތުން ކަންކަންކުރަންވާ ގޮތް ހުށަޅާފައިވުމުން އެކަމާ ސަރުކާރުން މަޝްވަރާ ކުރައްވާނެތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓް ނިމުގެ ކުރިން އެކަމާދޭތެރޭގައި އެއްވެސް ވާހަކެއް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި އެ ރިޕޯޓު ނިމުމުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

"ކޯނީގެ ރިޕޯޓް ނިކުތުމުގެ ކުރިއަކުން އެއިން ނުކުންނާނެ ނަތީޖާއަކާ ދޭތެރޭގައި ސްޕެކިއުލޭޓްކޮށް އެއަށް އަޅާނެ ފިޔަވަޅުތަކަކާ ބެހޭ ގޮތުން އަޅުގަނޑު ވާހަކައެއް ނުދައްކާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓަށް ފަހު ހަގީގަތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށާއި ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ އެހީތެރިކަން ހުރިހާ ފަރާތްތަކަށް ވެސް ދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޯނީގެ ނިންމުންތަކާ ގުޅިގެން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ދިއުމަށް ސަރުކާރު އޮތީ ސާބިތުކަމާ އެކު ކަމަށާއި މަޝްވަރާއަށް ދާންޖެހިއްޖެ ނަމަ މަޝްވަރާ އަށް ވެސް ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފެބުރުއަރީ ހަތެއްގައި ހިނގައި ދިޔަ ކަންކަމާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓެއް ވެސް ނެރެފައިވާ ކަމަށާއި އެރިޕޯޓް ލިބިފައި ވަނީ އެމަނިކުފާނު ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ.