އިންޑިއާގެ ބެންގަލޫރުގެ ޓެކްނޮލޮޖީ ދާއިރާގެ މާހިރަކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ކަމަށްވާ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ވަޒީފާ ހޯދުމުގެ މަސައްކަތް ކާމިޔާބުކޮށްފިއެވެ. އޭނާ ވަނީ އެންމެ ދެ މަސް ދުވަސް ތެރޭގައި ހަތް އިންޓަވިއު ހޯދައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕޭޕަލް އިން ވަޒީފާ ހޯދާފައެވެ.

މި ކާމިޔާބީ ހޯދާފައިވަނީ މީގެ ކުރިން މެޓާ އާއި ޓިކްޓޮކް ފަދަ ކުންފުނިތަކުގައި ޕްރޮޑަކްޓް މެނޭޖަރެއްގެ މަގާމު ފުރުއްވާފައިވާ އަމަރް ސައުރަބްއެވެ.

ވަޒީފާ ހޯދުމުގެ މަސައްކަތް ފެށިތަނާ ފުރަތަމަ ދެ މަސް ދުވަހު އޭނާއަށް ލިބުނީ އެންމެ ދެތިން އިންޓަވިއުއަށް ވުމުން، އޭނާ ވަނީ ވަޒީފާ ހޯދުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް އޭއައިގެ އެހީ ހޯދަން ނިންމާފައެވެ.

ސައުރަބް ވަނީ ގާތްގަނޑަކަށް އެންމެ ގަޑިއިރަކާއި ބައި ތެރޭގައި، އޭނާގެ ވަޒީފާ ހޯދުމަށް ޚާއްސަކޮށްގެން "ޕީއެމް ޖޮބް ސާޗް އެޑްވައިޒަރު" ގެ ނަމުގައި ކަސްޓަމް ޖީޕީޓީ އެއް އުފައްދާފައެވެ. މި ޖީޕީޓީއަށް އޭނާގެ ސީވީ ލައި، އަދި ކުރީގެ މަސައްކަތްތަކުގެ ތަފްސީލީ ނޯޓުތައް ފީޑްކޮށް، އޭނާ އަމާޒުކުރަނީ ސީނިއަރ ޕްރޮޑަކްޓް މެނޭޖްމަންޓްގެ މަގާމުތަކަށްކަން، އޭނާގެ ލިންކްޑްއިން އެކައުންޓުން އޭނާ ވަނީ ހާމަކޮށްފައެވެ.

މި ޚާއްސަ ޖީޕީޓީގެ އެހީގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔައެވެ. ކޮންމެ ވަޒީފާއެއްގެ ޑިސްކްރިޕްޝަނާ ގުޅޭގޮތަށް ސީވީގައި މުހިންމު ބަސްތައް ހިމަނައިގެން ބަދަލުކޮށްދިނުމާއި، ކުންފުނިތަކުގެ ގުޅުންހުރި މުވައްޒަފުންނާއި އެމީހުންގެ އީމެއިލް އެޑްރެސްތައް ހޯދައިދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކަށް ފޮނުވާ ލިންކްޑްއިން ކަނެކްޝަން ރިކުއެސްޓްތައް ލިޔެދިނުމާއި، އިންޓަވިއުތަކަށް ތައްޔާރުވުމަށް އޭނާގެ ތަޖުރިބާއިން ފާހަގަކޮށްލަންވީ ކަންކަން ކަނޑައަޅައިދިނުމުގައި ވެސް ޖީޕީޓީ އެހީތެރިވެދިނެވެ.

މި އާ އުކުޅު ބޭނުންކުރަން ފެށުމުން، ސައުރަބް ވަޒީފާއަށް އެދި ހުށަހަޅާ އަދަދަށް ބަދަލެއް ނާންނައިރު، އޭނާއަށް ޖަވާބު ލިބޭ މިންވަރު ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރެވުނެވެ. އެގޮތުން، އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ރެޑިޓްއާއި، އިންޓުއިޓް، އަދި ޕޭޕަލް ފަދަ ބޮޑެތި ކުންފުނިތަކުން ހަތް އިންޓަވިއުއެއް ލިބުނެވެ.

ސައުރަބް ބުނާ ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ ވަޒީފާއަކަށް ޚާއްސަކޮށް ސީވީ ތައްޔާރުކުރުމަށް ހޭދަވާ ގިނަ ވަގުތުތައް ސަލާމަތް ކުރެވުނެވެ. އޭނާ ވަނީ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޕޭޕަލްގެ ލީޑް ޕްރޮޑަކްޓް މެނޭޖަރެއްގެ ވަޒީފާ ކާމިޔާބުކޮށްފައެވެ.

މުސްތަގުބަލުގައި ވެސް ވަޒީފާ ހޯދުމުގައި މިފަދަ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.