ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި އޭގެ ކުރިން ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން އިންސާނީ ހައްގުތަކާ ގުުޅުން ހުރި މައްސަލަތަކުގެ ތަހުގީގު ނިންމައި އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކަމާ ބެހޭ ފަރާތްތަކާއެކު ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހިއްސާކޮށްފި އެވެ.

އެޗްއާރުސީއެމުން ބުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި އޭގެ ކުރިން ދުވަހު ހިނގައިދިޔަ އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ކަމާ ބެހޭ ފަރާތްތަކާ އެކު ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ހާމަކޮށްފައިވަނީ ކޮންކޮން ފަރާތްތަކާ އެކު ކަމެއް އެޗްއާރުސީއެމުން ބުނެފައެއް ނުވެ އެވެ. އެ ރިޕޯޓް އާއްމުކޮށްފައެއް ވެސް ނުވެ އެވެ.

އެޗްއާރްސީއެމުން މިއަހަރުގެ ތެރޭގައި ފެށި ބޮޑު ތިން ތަހުގީގެއްގެ މައްސަލަ ނިންމައި އެމައްސަލަތަކުގެ ރިޕޯޓްތައް މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެރިޕޯޓްތަކުގައި ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާއިރު ބައެއް ކަހަލަ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އެދިފަ އެވެ.

އެޗްއާރުސީއެމުން މިހާތަނަށް ކޮށްފައިވާ މި ތިން ތަހުގީގުގެ ތެރެއިން ދެ ރިޕޯޓަކާ ބެހޭ މައުލޫމާތެއް ވަނީ މީޑިއާގައި ވެސް އާއްމުކޮށްފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްގެން ގެންދިޔަ މައްސަލައާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މާލޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ރިޕޯޓް ހިމެނެ އެވެ.