މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އާޓިފިޝަލްބީޗްގައި އެމްޑީޕީގެ ބަޔަކާއި "23 ޑިސެމްބަރު އިއްތިހާދުން" ކުރި މުޒާހަރާގައި އެ ސަރައްދުގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން ދުރަށް ގެންދިއުމަށް ސިފައިންގެ އިސް ވެރިންނަށް އޭރު ރައީސް މުހައްމަދު ނަޝީދު އަމުރު ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީގެ 238 ވަނަ މާއްދާއާ ހިލާފަށް ނަޝީދު ކުރައްވާފައިވާ އަމުރެއް ކަމަށް ހިއުމަންރައިޓް އޮފް ކޮމިޝަން މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު މާލެތެރޭގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފު އަމުރުތައް ތަކުރާރުކޮށް ފުލުހުންނާއި ސިފައިންނަށް ކުރެއްވިކަން ތަހްގީގު ރިޕޯޓް އެނގޭ ކަމަށެވެ.

އަދި "ފުލުހުންނާއި ސިފައިންގެ ގާނޫނާއި ގަވާއިދުތަކާއި ވެސް ހިލާފަށް" ތަކުރާރުކޮށް ނަޝީދު ކުރެއްވި އަމުރުތަކަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން ތަބާވުމުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ރައްޔިތުނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އެ ތަހްގީގުތަކުން އެނގުނު ކަމަށް ޕީޕީއެމް އިން މިއަދު ލީކްކޮށްލި އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

"ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ފުލުހުންނާއި ސިފައިންގެ ގަވާއިދުތަކާއި ހިލާފަށް ފުލުހުންނާއި ސިފައިންގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ކުރެއްވި އަމުރަތަކަށް ފުލުހުންނާއި ސިފައިންގެ އިސްވެރިޔާ އަދި ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ކުރެއްވި އަމުރުތަކަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން ތަބާވުމުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންނާއި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް އަނިޔާތަކެއް ލިބި، ދައުލާތާއި އާންމުގެ މުދަލަށް ގެއްލުން ލިބި އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލިގެން ދިޔަ ކަން މި ކޮމިޝަނުގެ ތަހްގީގަށް ފާހަގަ ކުރެއްވިފައިވެ އެވެ." ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ ކަންތައްތަކުގެ އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނަނީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ތިބި ފުލުހުންނާއި ސިފައިން އެ ސަރަހައްދުން ދުރަށް ގެންދިއުމަކީ ގާނޫނު އަސާސީގެ 245 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށާއި އެ އަމަލުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިންގެ ގާނޫނީ ވާޖިބުއަދާ ކުރުމަށް ހުރަސްއެޅުނު ކަމަށެވެ.

އަދި ގާނޫނާ ހިލާފަށް ނަޝީދު ކުރެއްވި އަމުރަށް ސިފައިންގެ އިސްވެރިން ތަބާވެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އާއި ޖުމްހޫރީ މައިދާން ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް، އަމަން ބަލަހައްޓަން ތިބި ސިފައިން ބަނޑޭރިކޮށްޓަށް ގެންގޮސްފައިވާ ކަމަށާއި އެ އަމުރަށް ތަބާވެ އެ އަމަލު ސިފައިންގެ އިސް ވެރިންކޮށްފައި ވަނީ ގާނޫނު އަސާސީގެ 245 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި އެ ސަރަހައްދު ބަލަހައްޓަން ތިބި ސިފައިންގެ އިސްވެރިން ވަނީ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި އަދި "ސިފައިންގެ ވާޖިބު އަދާކުމުގައި އިހްމާލުވެފައި" ކަމަށް ވެސް އެ ރިޕޯޓްގައި ބުނެ އެވެ.

އަދި ޖުމްހޫރީ މައިދާން ސަރައްދަށް އެމްޑީޕީ އާއި "23 ޑިސެމްބަރު އިއްތިހާދުން" އެއްވި ވަގުތު އެ ސަރަހައްދުގައި އަމަން ބަލަހައްޓަން ތިބި ސިފައިން ބަންޑޭރިކޮށްޓަށް ގެންދިއުމުން "ޖުމްހޫރީ މައިދާން ތެރެއަށް ވަން އާންމުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ގިނަ އަދަދެއްގެ އާންމުނަށް ބޮޑެތި އާނިޔާތައް ލިބުނުކަން" ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖުމްހޫރީ މައިދާން ތެރޭގައި "ޗޭން އޮފް ކޮމާންޑެއް ނެތި" ވަކި ވަކި ސިފައިނަށް ނަޝީދު އެންގި އެންގެވުންތަކަށް ސިފައިން ތަބާވެފައިވާ ކަމަށާއި އަދި ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން ހައްޔަރުކުރަން ބަންޑާރަ ކޮށީގައި ތިބި ސިފައިން ނުކުމެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ސިފައިންގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" ގެއްލި ފުލުހުންނާއި ސިފައިނާއި އަދި އާންމުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ފުލުހުންނާއި ސިފައިނަށް ބޮޑެތި އަނިޔާތަކެއް ވެފައިވުމުގެ އިތުރުން އެހަމަނުޖެހުންތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބައެއް އާންމުން އަތަށް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެ އެވެ.

އެޗްއާރުސީއެމް އިން އަދި އާންމު ކޮށްފައިނުވާ 57 ސަފްހާގެ އެ ރިޕޯޓު ނިންމާލަމުން ބުނެފައި ވަނީ ހަތެއް ފެބްރުއަރީގައި ބަންޑާރަކޮށީގައި ނަޝީދު ހޭދަކުރެއްވި ވަގުތު އެމަނިކުފާނު އަވަހާރަކޮށްލަން އެއްވެސް ބަޔަކު އުޅުނުކަން އެ ކޮމިޝަނުގެ ތަހްގީގަށް އެނގިފައިނުވާ ކަމަށެވެ.

"ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދު ބަންޑާރަކޮށީގައި ހޭދަކުރެއްވި ވަގުތުތަކުގެ ތެރޭގައި އެމަނިކުފާނު އަވާހަރަކޮށްލަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައިވާކަން މި ތަހްގީގަށް ފަހާގަ ވެފައި އެއްނުވެ އެވެ." ރިޕޯޓްގެ އެންމެ ފަހު ޕެރްގުރާގައި ބުނެފައިވެ އެވެ.