26 Oct 2025, 14:35
ބިދޭސީއެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު، ފޮރުވާފައި ހުއްޓާ ހޯދައި ވެރިފަރާތަށް ރައްދު ކޮށްދީފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގީ ހުކުރު ދުވަހު ކަމަށެވެ.
އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20،000 ޑޮލަރު ހުންނާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދަބަހުގެ އިތުރުން ވެސް އިތުރު ތަކެތި ވަގަށް ނެގި ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ތަފުސީލެއް ނުދެއެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދިޔައިރު 20،000 ޑޮލަރާ އެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.