ޓްރެޕިކް ލައިޓުން ރަތްވެފައި ވަނިކޮށް މަޑު ނުކޮށް ބާރު ސްޕީޑްގައި ދުއްވާފަދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ލޮރީއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލް ތިބި ދެ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު ދެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 0100 ޖަހާކަންހާއިރު އެކްސިޑެންޓް ހިނގީ އަމީނީ މަގު ބިލަބޯންގް ސްކޫލް ކައިރީ ޓްރެޕިކް ލައިޓް ރަތްވެފައި ވަނިކޮށް މަޑު ނުކޮށް ދިއުމުގެތެރޭ ލޮރީއެއްގައި ޖެހިގެން ކަމަށާއި ސައިކަލްގައި 22 އަހަރުގެ ދެ މީހުން ތިބި އިރު ދުއްވި މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށެވެ.

އެ އެކްސިޑެންޓްގެ ސަބަބުން ސައިކަލަށާއި ލޮރީއަށް ވެސް ބޮޑެތި ގެއްލުން ލިބުނެވެ.