26 Oct 2025, 12:00
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރާ ދެ ގާޒީންނާއި، މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް މިރެއަށް ތާވަލުކޮށްފައި އޮތް އިވެންޓް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓަށް ދެ ގާޒީންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރުން ތާވަލުކޮށްފައި އޮތީ މިރޭ 8:00 ގައި ސުޕްރީމް ކޯޓުގައި ބާއްވާ ގޮތަށެވެ. އެކަމަކު، އެ އިވެންޓް މިހާރުވަނީ ކެންސަލްކޮށްފައެވެ. ގާޒީން ހުވާ ކުރުން ކެންސަލް ކުރި ސަބަބެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް 48 މީހަކު ކުރިމަތިލިއެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުން ވެސް ހިމެނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝޯޓްލިސްޓްވީ މީހުންނާ އިންޓަވިޔުކޮށް، މަގާމަށް އައްޔަން ކުރުމަށް ދެ ގާޒީއަކު ޖޭއެސްސީން އޮތީ ހޮނިހިރު ދުވަހު ކަނޑައަޅައިވެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މުޒައްމިލް ނާސިރު، އަދި އަހްމަދު ޝާފިއުއެވެ. އެކަމަކު، ޖޭއެސްސީން ރަސްމީކޮށް އެކަން ހާމައެއް ނުކުރެއެވެ.
ކްރިމިނަލް ކޯޓަށް ނެގި ދެ ގާޒީންނާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް ނެގި މެޖިސްޓްރޭޓުން ހުވައި ކުރުމުގެ ރަސްމިއްޔާތު ކެންސަލް ކުރިއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ފެމިލީ ކޯޓަށްވަނީ ދެ ފަނޑިޔާރުން އައްޔަންކޮށްފައެވެ.