ވެލެންސިޔާގެ ލައިބީރިއާ ފޯވަޑް ރައިޓް ޗާލްސް ޔަގޭގެ އަތް ބިދުމުގެ ސަބަބުން އޭނާއަށް ރެލިގޭޝަންގައި ނުކުޅެވުމަކީ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ދެރައެއް ކަމަށް އެކުލަބުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ޗާލްސް އަތް ބިނދުނީ ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ހުސްވި ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ ވިކްޓަރީއާ ދެކޮޅަށް ކުޅެ، 8-2 ލަނޑުން ވެލެންސިޔާ ބަލިވި މެޗުގައެވެ.

ރެލިގޭޝަނަށް ތައްޔާރު ވުމުގެ ގޮތުން ވެލެންސިޔާއިން އިއްޔެ ރޭ ކުރި އެޓީމުގެ ފަރިތަކުރުމަށް ކޯޗް ނާދު ބުނީ، ފޯވާޑް ޗާލްސްއަށް ރެލިގޭޝަންގައި ނުކުޅެވުމަކީ ޓީމަށް ލިބުނު ދެރައެއް ކަމަށާއި ރެލިގޭޝަންގައި ވެލެންސިޔާއާ ދެކޮޅަށް ނިކުންނާނީ ވަރަށް ވަރުގަދަ ޓީމްތައް ކަމަށެވެ. އެހެން ކަމުން ރެލިގޭޝަނާ މެދު ވަރަށް ފުންކޮށް ވިސްނަމުން އަންނަ ކަމަށާއި ރެލިގޭޝަނުން ސަލާމަތްވުމަށް ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާއެކު ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ޗާލްސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް. އޭނާ ނެތުމުން ޓީމަށް ގެއްލުންތަކެއް ނުލިބުނު ނަމަވެސް، އޭނަ ނެތުމަކީ ޓީމަށް ލިބުނު ފޫނުބެއްދޭވަރުގެ ދެރައެއް. ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" ނާދު ބުންޏެވެ.

ނާދު ބުނީ، ޗާލްސް އަތުގައި މިހާރު ޕްލާސްޓަރު އަޅާފައިވާ ކަމަމަށާއި އަނިޔާ މުޅިން ރަނގަޅުވާން މަދުވެގެން ހަ ހަފުތާވާނެ ކަމަށެވެ. އަދި ބުނީ ރެލިގޭޝަނަށް ތައްޔާރު ވުމަށް ދެން ޓީމުގެ ފަރިތަކުރުންތައް ދެން ފަށާނީ ކުރިއަށް އޮތް އީދު ބަންދައް ފަހު ކަމަށެވެ.

ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް އަދި މިއަރުގެ ކުރީކޮޅު ވީބީ އަށް ކުޅުނު ޗާލްސް އަކީ ލައިބީރިއާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އަންނަ މަހުގެ ކުރީ ކޮޅު ފަށާ، ރެލިގޭޝަންގައި ވެލެންސިޔާގެ އިތުރުން ވާދަކުރާ އަނެއް ތިން ޓީމަކީ ދިވެހި ލީގުން ރެލިގޭޓިވި ވިޔަންސާއާއި ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ޔުނައިޓެޑް ވިކްޓަރީ އަދި ރަނަރަޕް ބީޖީ ސްޕޯޓްސް އެވެ.