26 Oct 2025, 08:50
އިންޑިއާގައި މި އަހަރުތެރޭ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ސައުތު ސިނަމާގެ އެކްޝަން ތުރިލާ "ކަންޓާރާ: ޗެޕްޓާ 1"ވެއްޖެއެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުން 125-100 ކްރޯޑާ ދެމެދުގެ ބަޖެޓަކުން އުފެއްދި ފިލްމު އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ދައްކައިގެން މިހާތަނަށް 850-809 ކްރޯޑްއާ ދެމެދުގެ އަދަދަކަށް އާމްދަނީ ވަނީ ލިބިފައެވެ.
އެއީ ގާތްގަނޑަކަށް (101.19 މިލިއަން އެމެރިކާ ޑޮލަރެ)ވެ. މި ފިލްމުގެ ރިލީޒްކުރުމާ ހަމައަށް މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑު އޮތީ ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު ފިލްމު "ޗާވާ"އެވެ. އެއީ މެޑްޑޮކް ފިލްމްސްއިން މި އަހަރު ގެނެސްދިން ފިލްމެކެވެ.

ބޮލީވުޑް ފިލްމު "ޗާވާ"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ވިކީ އަދި ރަޝްމިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ
"ކަންޓާރާ: ޗެޕްޓާ 1"އަކީ ކަންނާޑާ އެކްޓަރު ރިޝަބް ޝެޓީ ޑައިރެކްޓްކޮށް ލީޑް ރޯލް ވެސް ރިޝަބް ކުޅެފައިވާ ވަރަށް ވަރުގަދަ މިތޮލޮޖިކަލް އެކްޝަން ފިލްމެކެވެ. މި ފިލްމަށް އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ އޯޑިއަންސްގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ އެކު މިއީ ކަންނާޑާ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިންޑިއާގެ ދެކުނުގެ މީހުން ވަނީ ފާހަގަކޮށްފައެވެ.
ހޯމްބޭލް ފިލްމްސް ބެނާގެ ދަށުން އުފެއްދި "ކަންޓާރާ: ޗެޕްޓާ 1" މިހާރުވެސް އިންޑިއާގެ އެކި ބަހުރުވަތަކުން ޑަބްކޮށްގެން ސިނަމާތަކުގައި ދައްކަމުން އަންނައިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލަށް މި މަމަހުގެ ފަހުކޮޅު ފިލްމު އިނގިރޭސި ބަހުން ޑަބްކޮށްގެން ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "ކަންޓާރާ"ގެ ޕްރީކުއެލްއެކެވެ.
އިންޑިއާއިން މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެތެރެއިން ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ޔަޝް ރާޖް ފިލްމްސްއަށް ޑައިރެކްޓަރު މޯހިތު ސޫރީ ޑައިރެކްޓްކޮށްދިން ފިލްމު "ސައްޔާރާ"އެވެ.