ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ މިއުޒިކް ޑައިރެކްޓަރު ސަޗިން ސާންގްވީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފިއެވެ.

އުމުރުން 44 އަހަރުގެ ސަޗިންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ 29 އަހަރުގެ އަންހެނެކެވެ. ސަޗިންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ނަމަވެސް އޭގެ އެއް ދުވަސް ފަހުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސަޗިންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި މީހާ ބުނިގޮތުގައި ސަޗިންއާ އެންމެ ފުރަތަމަ ބައްދަލުވީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

އޭގެފަހުން އެކި ފަހަރު މަތިން ފޯނު މެދުވެރިކޮށް ދެ މީހުންގެ މެދުގައި ވާހަކަތަކެއް ދެކެވި ސަޗިން އުފައްދާ މިއުޒިކު ވީޑިއޯއަކުން ފުރުސަތު ދިނުމަށް އެއްބަސްވެފައި ކަމަށް ވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

ސަޗިން އަދި އެކީގައި މަސައްކަތްކުރާ މިއުޒިކް ޑައިރެކްޓަރު ޖިގަރު--ފޮޓޯ/ޖީކިއު

ސަޗިންއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ސަޗިންގެ މިއުޒިކް ސްޓޫޑިއޯއަށް ވެސް އޭނާ ގެންގޮސް ފަހުން އިންނަން ވެސް އަހާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަޗިންގެ ފަރާތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު ސަޗިންގެ ވަކީލު އަދިތިޔަ މިތޭ ބުނެފައި ވަނީ އޭނާގެ ކްލައިންޓާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް ތާކުން ތާކު ނުޖެހޭ އޭގައި ހަގީގަތެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށެވެ.

ސަޗިން އަކީ ޖިގަރް ސަރައްޔާއާ ގުޅިގެން އެކީގައި މިއުޒިކީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ. އެ ދެމީހުން ގުޅިގެން މިއުޒިކް ތައްޔާރުކޮށްދިން މަގުބޫލު ފިލްމުތަކުގެތެރޭ މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރި ފިލްމު "ތަމާ"، "ޕަރަމް ސުންދަރީ" ",ޗަންދީގަޅް ކަރޭ އާޝިގީ"، "އިސްތިރީ2" އަދި "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" ހިމެނެއެވެ.