26 Oct 2025, 08:56
މިހާތަނަށް ލޯބީގެ ފިލްމުތަކުން ފެނިފައިވާ ބޮލީވުޑްގެ އެކްޓަރު ހަރްޝްވަރްދަން ރާނޭއަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރު އުފައްދާ އެކްޝަން ފިލްމަކުން ފުރުސަތު ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ހަރްޝްއަށް ފުރުސަތު ލިބިފައިވާ ފިލްމަކީ ގޭންގްސްޓާ-ކްރައިމް ޑްރާމާއެކެވެ. ހަމައެއާއެކު މި ފިލްމުގެ ވަރަށް ބޮޑު ބައެއްގެ ޝޫޓިންގް ކުރިއަށްދާނީ ދުބާއީގައި ކަމަށް ޕިންކްވިލާގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
މި ފިލްމަކީ ގޭންގްސްޓާ ސިނަމާގެ ދުނިޔެއަށް ހަރްޝް ތައާރަފްކޮށްދޭނެ ފިލްމެއް ކަމަށާއި މި ފިލްމުގައި ވެސް ލޯބީގެ ރަހަ ކޮންމެވެސް ވަރަކަށް ހިމަނާފައިވާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ހަރްޝް ބަތަލާ ސޯނަމްއާ އެކު ފިލްމު "ދިވާނިއްޔަތު"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ހަރްޝް މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަކީ ލޯބީގެ ފިލްމުތަކަކަށްވެފައި އެއީ ވަރަށް ޖަޒުބާތީ ފިލްމުތަކެއް ކަމުން އެކްޝަން ޖޯންރާގެ މި ފިލްމަކީ އެކްޓަރަށް މުޅިން އާ ތަޖުރިބާއަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަރްޝްގެ އެންމެފަހުން ރިލީޒްވި ފިލްމަކީ ވެސް ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދާފައިވާ ފިލްމެކެވެ.
މިދިޔަ އަންގާރަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި އެ ފިލްމަކީ މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ހަރްޝްއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ފިލްމީ ތަރި ސޯނަމް ބާޖްވާއެވެ.
އެކްތާ ކަޕޫރުއާ އެކު ހަރްޝް އަލަށް މަސައްކަތްކުރާނެ މި ފިލްމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ބާލާޖީއިން މިޑިއާތަކާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަރްޝްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ ފެންޓަސީ ޖޯންރާގެ ލޯބީގެ އެކްޝަން ފިލްމު "ސިލާ" އަދި އެކްޓަރުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ފިލްމު ހިމެނެއެވެ.