18 Aug 2012, 14:20
ކުލަބް ވެލެންސިޔާގެ ކެޕްޓަން އަލީ އިމްރާނާއި ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފަށް ކުލަބްގެ ފަރިތަކުރުން ތަކުގައި ބައިވެރިނުވެވޭގޮތަށް، ގޭގައި މަޑު ކޮށްލުމަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް އެދެކުޅުންތެރިން ބުނެފި އެވެ.
އެހެން ނަމަވެސް ވެލެންސިޔާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ސަން އޮންލައިނަށް ދިން އިންޓަވިއުގައި ވިދާޅުވެފައި ވަނީ، އިމްރާނާއި އިފްރާހަށް ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭނެގޮތަށް ނިންމީ މުޅި ސީޒަނަށް ބަލާއިރުވެސް ޓީމުގެ ފަރިތަކުރުން ތަކުގައި އެދެކުޅުންތެރިންގެ ހާޒިރީދައްވުމުން ކަމަށާއި އަދި އެނޫނަސް އެދެކުޅުންތެރިންގެ ފަރާތުން ކުދިކުދި މައްސަލަތައް ސީޒަންގެ ތެރޭގައި މިހާތަނަށް ފާހަގަ ކުރެވި ފައިވާތީ ކަމަށެވެ. އަދި އެކަން ވަރަށް ރަސްމީކޮށް އެދެކުޅުންތެރިން ނަށް އަންގާފައި ވާނެ ކަމަށް ވެސް އެދުވަހު ރާއީ ވަނީ ވިދާޅުވެފައެވެ.
ވެލެންސިޔާގެ ޗެއާމަން ރާއީ ރަޝީދު ސަން އޮންލައިނަށް ދީދަފައިވާ އިންޓަވިއުއަށް ރައްދު ދެމުން، ގޯލްކީޕަރު އިފްރާހް މިރޭ ސަންއަށް ދިން އިންޓަވިއުގައި ބުނީ، އެނިންމުމަކީ ވަރަށް ތާކުންތާކުން ނުޖެހޭ ނިންމުމެއް ކަމަށާއި އަދި އެނިންމުން ނިންމިކަން ރަސްމީކޮށް އޭނާއަށް އަންގާފައި ނުވާކަމަށެވެ.
"އަހަންނަކަށް ނޭގެ ރަސްމީ ކޮށް އެންގިކަމެއް. އެގޮތަށް އެނިންމީ އަހަރުމެންގެ ބޮލުގައި ބޮޑު އިލްޒާމެއް އުލުވުމަށް ކަންނޭގެ. އެވެދާނެ ޓީމް ރެލިގޭޓް ވީމަ ކަމަށް ވެސް" ހުސްވި އަހަރުވެސް ވެލެންސިޔާގެ ގޯލްބަލަހައްޓަމުންއާ އިފްރާހް ބުންޏެވެ.
އިފްރާހުއާ ނުލައި ވެލެންސިއާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ކުޅުނު އިރު ކޯޗު އަހުމަދު ނާޝީދު (ނާދު) ބުނީ ކީޕަރު ޕްރެކްޓިހަށް ނާންނަ ކަމަށެވެ. އަދި އޭނާ ވަނީ މި އަހަރުގެ ވަރަށް މުހިންމު މެޗުތަކެއް ވެސް ގެއްލުވާލައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުޒާހަރާކޮށްގެން ފުލުހުން ބަންދުކޮށްފައި ހުރި ފަހަރެއްވެސްދިޔަ އެވެ. އެކަމަކު ކޯޗް ނާދު އަށް ރައްދު ދެމުން އިފްރާހް ރޭ ބުނީ، އެއްވެސް މުޒާހަރާއެއްގައި އޭނާ ހައްޔަރު ނުކުރާ ކަމަށެވެ.
އިފްރާހްގެ އިތުރުން ގޭގައި މަޑު ކޮށްލުމަށް ދެން އެންގި އެޓީމްގެ ކެޕްޓަން އިމްރާން ބުނީ، އޭނާ އަށް ވެސް ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭގޮތަށް ގޭގައި މަޑު ކޮށްލުމަށް އެއްވެސް ރަސްމީ ސިފައެއްގައި އަންގާފައި ނުވާ ކަމަށެވެ.
"ރަސްމީކޮށް އެންގުމަކީ ނޫހެއްގައި ޖެހީމަ އެންގުންތޯ؟ އެކަމަކު ރަސްމީކޮށެއް އަންގާފައެއް ނެތޭ" އިމްރާންގެ އުފަން ރަށް ގދ. ތިނަދޫގައި ހުރެ ސަންއޮންލައިނަށް ފޯނުން ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.
އިމްރާނަކީ މި އަހަރު ވެލެންސިއާއިން އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިޔާ އެވެ. މީގެ ތެރެއިން ގިނަ ކާޑުތައް ހޯދާފައިވަނީ ރެފްރީއާ ޒުވާބުކޮށްގެންނެވެ.
އިމްރާނަށާއި އިފްރާހަށް ގޭގައި މަޑުކޮށްލަން އެންގި ކަމުގައި ވިޔަސް، ވެލެންސިޔާގެ ޗެއާމަން ވިދާޅުވެފައި ވަނީ، އެދެކުޅުންތެރިންނަކީ ޓީމަށް ވަރަށް މުހިންމު ދެކުޅުންތެރިން ކަމަށާއި އެހެންވެ އެ ދެކުޅުންތެރިންނާ މެދު ވަރަށް އަވަހަށް ޓީމުގެ ބޯޑުން ގޮތެއް ނިންމާނެ ކަމަށެވެ.
ކުލަބް ވެލެންސިޔާއަށް މިހާރު ވަނީ ރެލިގޭޝަނާވެސް ކުރިމަތި ލާންޖެހިފައެވެ. އެގޮތުން އެޓީމް ރެލިގޭޝަނަށް ވެއްޓުނީ ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފުލުގައި އޮވެގެންނެވެ.