25 Oct 2025, 16:38
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025ގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުގައި ނޭޕާލު އަތުން ވެސް ބަލިވެއްޖެއެވެ.
ޑާކާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ އަތުން ހޯދި މޮޅާއެކު މިއީ ނޭޕާލުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެ އަތުން ނޭޕާލް މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-21، 25-23 އަދި 25-18 އިންނެވެ.
މިދިޔަ ބުދަ ދުވަހު ފަށައި، އަންގާރަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކާވާ
އެގޮތުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-21، 25-13 އަދި 25-21 އިންނެވެ.
ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަފްޣާނިސްތާނުން ގެންދިޔައީ 25-17، 25-20 އަދި 25-12 އިންނެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއާއެކު ޖުމްލަ ހަ ގައުމެއް ވާދަކުރެއެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ސްރީ ލަންކާއާާއެވެ.