18 Aug 2012, 13:29
ކ. ތަނބުރުދޫގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާތީ ސާފިން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެސްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތަނބުރުދޫއަކީ ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިފައި އޮންނަ ސާފިން ޕޮއިންޓްތަކުގެ ތެރެއިން ދެ ސާފިން ޕޮއިންޓެއް އޮންނަ ރަށަކަށްވެފައި އެރަށުގައި ވަކި ބަޔަކަށް ސާފްކުރެވޭ ގޮތަށް އޮތުމަކީ އެ އަތޮޅުގައި ސާފް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހީނަރު ކަމެއް ކަމަށެވެ. އަދި އެރަށުގައި އުފެދޭ ރާޅަކީ ދިވެހިންނަށް ރާޅާ އެޅުމުގެ ތަމްރީންތައް ދިނުމާއި ދިވެހި ސާފަރުންގެ ކުރިއެރުވުމަށް ވެސް ވަރަށް މުހިންމު ރާޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
ތަނބުރުދޫ ސަރަހައްދުގައި އުފެދޭ ރާޅަކީ ބައިނަލް އަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމުގެ ގާބިލްކަން ވެސް ލިބިފައިވާ ސަރަހައްދެއް ކަން އެއެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އެމްއެސްއޭގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަހުމަދު ރިފާއީ މިއަދު ވިދާޅުވީ ތަނބުރުދޫގެ ދެ ފަޅީގައި ރާޅު ނަގާ ސަރަހައްދަކީ އަތޮޅުގައި އެންމެ ގިނަ މީހުންނަށް އެއްފަހަރާ ރާޅާ އެޅޭ ސަރަހައްދު ކަމަށާއި އެ ސަރަހައްދަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ސަފާރީ ބޯޓް ފަހަރުންނާއި ރިސޯޓްތަކުންނާއި މާލެ އަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ސާފް ކޭންޕްތަކުން ރާޅާ އަޅަންދާ ކަމަށެވެ. އެސަރަހައްދަށް ދުވާލަކު 100 އަށް ވަރަކަށް ސާފަރުންނަށް އެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިފާއީ ވިދާޅުވީ ތަނބުރުދޫގެ ރާޅުގަނޑު ގެއްލިއްޖެ ނަމަ ދެން އޮންނަނީ ތުލުސްދޫ އާއި ހިންމަފުށީގައި އޮންނަ ރާޅުގަނޑު އެކަނި ކަމަށެވެ.
"ތަނބުރުދޫގެ ރާޅަކީ ވަކި ބައެއް އޯން ކުރާ ތަނަކަށް ވެފައި، އެތަނަށް މިހާރު ރާޅާ އަޅަންދާ މީހުންނަށް ނޭރެވޭ ގޮތް ވެއްޖެއްޔާ އެސަރަހައްދަށްދާ ސާފަރުން ދާނެ އެހެން ތަނެއް ހޯދަން ޖެހޭ، އެހެން ދާން ބަލާއިރު ދެން މިއޮންނަނީ ހިންމަފުުށީގައި އޮންނަ ރާޅާއި ތުލުސްދޫގައި އޮންނަ ރާޅު، ނަމަވެސް އެސަރަހައްދުތަކުގައި އެންމެންނަކަށް އެކޮމަޑޭޓެއް ނުކުރެވޭނެ، ގެސްޓުން ހިތްހަމަނުޖެހެން ފަށައިފިނަމަ އެމީހުނެއް ނާންނާނެ، އެކަމުގެ ސަބަބުން ސާފް ގައިޑުންނާއި ސާފް ކޭންޕްތަކުގެ ވިޔަފާރިތަކަށް ގެއްލުންވާނެ،" ރިފާއީ ވިދާޅުވި އެވެ.
ތަނބުރުދޫގައި "ސާފް ބްޓީކް" ރިސޯޓެއް ތަރައްގީ ކުރުމަށް ސިފައިންގެ ކުންފުނިން އެރަށް ކުއްޔަށް ދޭން ނިންމާފައި ވަނީ ސިންގަޕޫރުގެ ޓެލޮސް އިންވެސްޓްމަންޓަށް ކުންފުންޏަކަށެވެ.
ތަނބުރުދޫގައި ރިސޯޓެއް ތަރައްގީ ކުރުމުގައި އެސަރަހައްދުގައި އުފެދޭ ރާޅަށް ގެއްލުން ވެދާނެތީ ވެސް އެމްއެސްއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
" އެންމެންންނަށް އެތަން ބޭނުން ކުރެވެން ޖެހޭނެ، ވަކި ބައެއް ބޭނުން ކުރާ ތަނަކަށް އެތަން ވެގެން ނުވާނެ، އަނެއްކާ ރިސޯޓް ހަދާއިރު ރާޅަށް ގެއްލުންވޭތޯ އެބަޖެހޭ ބަލަން، މީގެކުރިން މާލޭގައި އޮންނަ ރާޅުގަނޑަކަކީ ވަރަށް ރީތި ރާޅެއް، ނަމަވެސް ރާޅަށްވާނެ ގޮތުގެ ރިސާޗެއް ނުހަދާ އާޓިފިޝަލް ބީޗެއްހެން ބޮޑު ތަންގަނޑެއް އެއޮތީ ހިއްކާލައިފައި، މިހާރު ރާޅުގަނޑު އެއޮންނަނީ ބޯތައްޓެއްހެން، ފެންގަނޑު ގިނަ ވީމައި އެތަނަށް ހެސްކިޔާފައި އޮއި އަޅާ، އެހެންވެ ރާޅަކާ ނޭޅެވޭ މިހާރު،" ރިފާއީ ވިދާޅުވި އެވެ.