18 Aug 2012, 13:06
ގދ. ގައްދޫ އެމްޕްރެޝާ ފިހާރައާއި މ. މުލަކު ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައި އެތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެމްޕުރެޝާ ފިހާރަ އިން ވައްކަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާއި އަދި އެތަކެތި ހޯދާފައި ވަނީ އެވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ 18 އަހަރުން ދަށުގެ ހަތަރު ކުދިންނާ ސުވާލުކުރުމަށް ފަހު އެކުދިން ދިރިއެޅޭ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން އެފިހާރަ އިން ވަގަށް ނަގާފައިވާ ނުވަ ޖިންސާއި ޖެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ބުނީ އެތަކެތި ގައްދޫ ޕޮލިސް ސްޓޭޝަން އިން ހޯދާފައި ވަނީ އެ މައްސަލަ ހުށަހެޅުނުތާ 01:45 މިނެޓް ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ ދެން ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު މ. މުލަކު ގެއަކުން ވަގަށް ނަގާފައިވާ ކޮމްޕިއުޓާ ސިސްޓަމެއް ކަމަށެވެ. އަދި ބުނީ އެ ކޮމްޕިއުޓާ ސިސްޓަމް ހޯދާފައި ވަނީ އެ ރަށު ބަނދަރު ސަރަޙައްދުގައި އެތަކެތި ވިއްކާލުމުގެ މަސައްކަތް މީހަކު ކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން މުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައި ވަނީ 18 އަހަރު މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
އެ ދެމައްސަލަ ވެސް ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.